ވިޔަފާރި
މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓުކުރި މަހުގެ އަދަދު އިތުރުވެއްޖެ
ފެލިވަރު ފިޝަރީސް ކޮމްޕްލެކްސް---
ފަރުދުން
25 އޭޕްރީލު 2026، 12:17
25 އޭޕްރީލު 2026، 12:17
މިދިޔަ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓުކުރި މަހުގެ ބާއްވަތްތަކުގެ އަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ފެބުރުވަރީ މަހާ އަޅާބަލާއިރު މާރިޗު މަހު ވަނީ 18 މިލިއަން ރުފިޔާގެ މަސް އިތުރަށް އެކްސްޕޯޓުކޮށްފައެވެ. އެގޮތުން ފެބުރުވަރީ މަހު 51 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައިވާއިރު، މާރިޗު މަހު ވަނީ 69 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައެވެ. އެއީ %35ގެ ކުރިއެރުމެކެވެ.
މީގެތެރެއިން ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން ކަޅުބިލަމަސް އެކްސްޕޯޓުކުރި މިންވަރު ވެސް ވަނީ މިދިޔަ މަހު %75 އިތުރުވެފައެވެ. ދަޅުގައި ބަންދުކުރުމުގެ އިތުރުން ގަނޑުކޮށްގެންނާއި ތާޒާކޮށްވެސް ކަޅުބިލަމަސް ރާއްޖެއިން އެކްސްޕޯޓުކޮށްފައި ވެއެވެ. ކަޅުބިލަމަހުގެ އިތުރުން މައިގަނޑު ގޮތެއްގައި ދެން އެކްސްޕޯޓުކޮށްފައި ވަނީ ރީނދޫ އުރަހަ ކަންނެއްޏެވެ.
އެގޮތުން މާރިޗު މަހު 8 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަށް އެކްސްޕޯޓުކޮށްފައިވާއިރު، 6 މިލިއަން ރުފިޔާގެ ތާޒާ ކަންނެލި މަސް އެކްސްޕޯޓުކޮށްފައި ވެއެވެ.
ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.