ކުޅިވަރު

އަންނަ ސީޒަންގައި އޭއެފްސީގެ ކްލަބް މުބާރާތަކުން ފެންނާނީ މާޒިޔާ އެކަނި

އަންނަ ސީޒަންގައި އޭއެފްސީގެ ކްލަބް މުބާރާތަކުން ފެންނާނީ މާޒިޔާ އެކަނި

މާޒިޔާގެ ޒުވާން ފޯވާޑް އިލާން / ފޯވާޑް: ސިޑިބަރި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 އޭޕްރީލު 2026، 04:05

25 އޭޕްރީލު 2026، 04:05

ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން އަންނަ ސީޒަންގައި އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (އޭއެފްސީ)އިން ބާއްވާ މުބާރާތަކުން ފެންނާނީ، ދިވެހި ޕްރިމިއަރ ލީގު ކާމިޔާބުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަންޏެވެ. 

 އޭއެފްސީގެ ކްލަބް މުބާރާތްތަކުން ޖާގަ ލިބޭ މިންވަރު ކަނޑައަޅައި އިއުލާނުކޮށްފައިވާއިރު، ރާއްޖެއަށް ލިބުނީ ލީގު ޗެމްޕިއަނުންނަށް ލިބުނު ފުރުސަތު އެކަންޏެވެ. އެހެންކަމުން މާޒިޔާއަށް މި ފުރުސަތު ލިބުނީ ލީގު ޗެމްޕިއަނުންގެ ގޮތުގައެވެ.

ދެކުނު އޭޝިއާ ސަރަޙައްދުން ދެ ޖާގަ ލިބުނީ އިންޑިއާއަށެވެ. އެގޮތުން އިންޑިއާއަށް، އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫ އިން ދެ ޖާގަ ލިބޭއިރު، އެއީ ގްރޫޕް ސްޓޭޖުގެ ޖާގައަކާއި ކޮލިފައިން ބުރުގެ ޖާގައެކެވެ.

ރާއްޖޭގެ މާޒިޔާއަށް ފުރުސަތު ލިބުނީ އޭއެފްސީގެ ތިންވަނަ ފަންތީގެ މުބާރާތް ކަމުގައިވާ އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިން ބުރުންނެވެ.  

މާޒިޔާގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ސްރީ ލަންކާ އަދި ޕާކިސްތާނުން ފުރުސަތު ލިބުނު ކްލަބުތައް ވެސް ކުޅޭނީ ޗެލެންޖު ލީގު ކޮލިފައިންގައެވެ. މިއިން ކޮންމެ ގައުމަކަށް ވެސް ލިބުނީ އެންމެ ޖާގައެކެވެ.

އޭއެފްސީ ކަޕްގައި ރާއްޖޭން މީގެކުރިން ކުޅެފައިވާއިރު، އޭރު ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް، އަދި އެފްއޭ ކަޕް ޗެމްޕިއަނަށް ކޮލިފައިން ޖާގައެއް ލިބޭގޮތަށް އޮތެވެ. އެހެންނަމަވެސް އޭއެފްސީން މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލުތަކާއެކު މިހާރު ރާއްޖެއަށް ލިބެނީ އެންމެ ޖާގައެކެވެ.

މިދިޔަ އަހަރު މާޒިޔާ އިން ކުޅެންޖެހުނީ އޭއެފްސީ ޗެލެންޖު ލީގުގެ ޕްލޭއޮފް ބުރުގަ އެވެ. ރާއްޖޭގައި މިދިޔަ އަހަރުގެ އޮގަސްޓު މަހު ކުޅުނު އެ މެޗުން، އަލް އަރާބި އަތުން މާޒިޔާ ބަލިވީ 4-0 އިންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450