Ads by Farudhun

ޚަބަރު

ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ ސިނާން ކާމިޔާބު ކުރައްވައިފި

ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ ސިނާން ކާމިޔާބު ކުރައްވައިފި

މެމްބަރު މުޙައްމަދު ސިނާން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2026، 06:31

25 އޭޕްރީލު 2026، 06:31

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، އެ ދާއިރާގެ މެންބަރުކަން ކުރިންވެސް ކުރެއްވި މުޙައްމަދު ސިނާން ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ހެނދުނު 09:00 އިން ހަވީރު 04:00 އަށް ކުރިއަށް ދިޔަ މި ޕްރައިމަރީގައި ސިނާން އާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދެވެ. ސިނާން މި އިންތިޚާބު ކާމިޔާބު ކުރެއްވީ 39 ވޯޓުގެ ތަފާތުންނެވެ. އޭނާއަށް ޖުމުލަ 226 ވޯޓު ލިބިވަޑައިގެންނެވިއިރު، ސަޢީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.

މި ޕްރައިމަރީގައި ވޯޓުލުމަށް މާލޭގައި ބެހެއްޓި ފޮއްޓަށް 103 މީހުން ވޯޓުލާފައިވާއިރު، އައްޑޫ ސިޓީގައި ބެހެއްޓި ފޮއްޓަށް 319 މީހުން ވޯޓުލާފައިވެއެވެ. ޖުމުލަ 422 މީހުން ވޯޓުލާފައިވާއިރު، މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 58 އިންސައްތައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2024 ވަނަ އަހަރު އެ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަން ސާބިތުވެ، ޙުކުމާ އެއްގޮތަށް އެ ފައިސާ ނުދައްކާ މައްސަލައިގައި ސުޕްރީމް ކޯޓުން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ކުރި ޙުކުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ އެ ޕާޓީގެ ޕްރައިމަރީއަށް އެކަނި ކުރިމަތިލެއްވި ޢަބްދުﷲ ޞާދިޤެވެ.

މި އިންތިޚާބުގައި ޖުމުލަ 4,114 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެ ކޮމިޝަނުން މިހާރު ވަނީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައެވެ. ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ހޯމަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450