ޚަބަރު
ހުޅުމާލެ ފޭސް 2 އިން ކެނޑުނު ކަރަންޓުގެ ޚިދުމަތް އާންމު ހާލަތަށް ގެނެސްފި
ހުޅުމާލެ ފޭސްދޭއްގެ ކަރަންޓު ނަރެއް ބުރިވުން ފޮޓޯ: ސްޓެްލްކޯ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަޙައްދަކުން މިއަދު މެންދުރު ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު މައްސަލަ ޙައްލުކޮށް، ހުރިހާ ސަރަޙައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަގު ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ފަރާތަކުން ކޮންނަނިކޮށް، އެ ސަރަޙައްދުގެ ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ. މިއަދު މެންދުރު ދިމާވި މި މައްސަލައާ ގުޅިގެން ދެވަނަ ފިޔަވަހީގެ ގިނަ ޢަދަދެއްގެ ޓަވަރުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ސަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ:
ހިޔާ ޓަވަރު 5، 6، އަދި 7
ވިނަރެސް މަޝްރޫޢުގެ 10 ޓަވަރު
އަމާން ދޯދި 12، 13، 14، 15، އަދި 16
އަމާން އުދަރެސް 5 އަދި 6
އެމްޕީއެލް ޓަވަރުތައް
ސްޓެލްކޯއިން ވިދާޅުވީ، ކޭބަލަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް، ކަރަންޓު ކެނޑުނު ހުރިހާ ސަރަޙައްދުތަކަށް މިހާރު ޚިދުމަތް އަލުން ފޯރުކޮށްދީފައިވާ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާ ގުޅޭގޮތުން ސްޓެލްކޯއިން އިތުރަށް ފާހަގަކުރި ގޮތުގައި، އެ ވިއުގައަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްގެން އަޅާފައިވާ ވިއުގައެކެވެ. ސްޓެލްކޯގެ އިންޖީނުގެ މެދުވެރިކޮށް އެ ސަރަޙައްދަށް ކަރަންޓު ދިން ނަމަވެސް، އެ ވިއުގަ ބަލަހައްޓަނީ ސީދާ ސްޓެލްކޯއިން ނޫން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެހެންނަމަވެސް، އެ ވިއުގަ ބެލެހެއްޓުމުގައާއި ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރުމުގައި އެޗްޑީސީއާ ގުޅިގެން އަބަދުވެސް މަސައްކަތް ކުރަމުންދާނޭ ކަމުގެ ޔަޤީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ.
މަގު ހެދުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން މަގު ކޮނުމުގެ ތެރޭ ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓުގެ ހިދުމަތް ދެވިފައި. ދިމާވި ދަތިތަކަށް މަޢާފަށް އެދެން.
— STELCO (@STELCOMALDIVES) April 25, 2026