Ads by Farudhun

ޚަބަރު

ރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލަށް އަމާޒުކޮށް "މޯލްޑިވްސް ޑިޖިޓަލް ސަމިޓް" ހޯމަދުވަހު ބާއްވަނީ

ރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލަށް އަމާޒުކޮށް "މޯލްޑިވްސް ޑިޖިޓަލް ސަމިޓް" ހޯމަދުވަހު ބާއްވަނީ

ޑިޖިޓަލް ފަސްޓް ނޭޝަން 2025 ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2026، 08:03

25 އޭޕްރީލު 2026، 08:03

ދިވެހިރާއްޖޭގެ "ޑިޖިޓަލް ފަސްޓް ނޭޝަން" ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމަށްޓަކައި، މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމް.ޑީ.އެސް) އާއި ވޯލްޑް ބޭންކް ގުޅިގެން ބާއްވާ "މޯލްޑިވްސް ޑިޖިޓަލް ސަމިޓް" ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް ނިމިއްޖެއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް، ތިން ދުވަހުގެ މުއްދަތަކަށް ބާސެލޯ ނަސަންދުރައިގައެވެ. މި ސަމިޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އެކުލަވާލާފައިވާ "މޯލްޑިވްސް 2.0" ރޯޑްމެޕްގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.

މި ސަމިޓްގެ އެންމެ ބޮޑު އެއް ބޭނުމަކީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ބައިނަލްއަޤްވާމީ މާހިރުން އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރުމެވެ. މީގެ އިތުރުން، އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ވަރުގަދަކުރުމާއި، ޑޭޓާ ޑްރިވަން ގަވަރނަންސް ޤާއިމުކުރުމަކީވެސް މި ސަމިޓްގެ މައިގަނޑު މަޤްޞަދުތަކެވެ.

ސަމިޓްގައި ބައިވެރިވާ މުހިންމު ބޭފުޅުން:
މި ސަމިޓުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅުން ތަޤުރީރު ކުރައްވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މޮލްޑޯވާގެ ކުރީގެ ޑިޖިޓަލައިޒޭޝަން މިނިސްޓަރ، އިއުރީ ޓުރްކާނޯ
  • ސައުތު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެ ވައިސް ޕްރެޒިޑެންޓް، އޫން ސިއޮކް
  • ޔޫ.ކޭ ގަވަރމެންޓް ޑިޖިޓަލް ސަރވިސްގެ ކުރީގެ ޕްރޮގްރާމް ޑިރެކްޓަރ، ޖެސިކާ މެކްއެވޮއީ

މަޝްވަރާ ކުރެވޭނެ މައިގަނޑު ދާއިރާތައް:

މި ސަމިޓުގައި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މުހިންމު އަސާސްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ. އޭގެ ތެރޭގައި:

  • ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ބޭނުންވާ ގަވަރނަންސް އޮނިގަނޑު.
  • ނޭޝަނަލް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރިކަމާއެކު ޑޭޓާ ޙިއްސާކުރުން.
  • ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމާއި ޓްރަސްޓެޑް ޑިޖިޓަލް ޓްރާންސެކްޝަންސް.
  • އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޒިންމާދާރު ގޮތެއްގައި ބޭނުންކުރުން.


"މޯލްޑިވްސް 2.0" އަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަލުވި އަދި ދެފުށް ފެންނަ ގޮތަކަށް ބަދަލުކުރުމަށް ހިންގާ އިންޤިލާބީ މަޝްރޫޢެކެވެ. ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ނަތީޖާ ނެރުމަށް އަމާޒު ހިފާފައިވާ މި މަޝްރޫޢުގެ ދަށުން ބާއްވާ މި ސަމިޓަކީ ރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450