ވިޔަފާރި / ޚަބަރު
ސްޕެއިންގެ ބާސެލޯނާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ސީފުޑް މައުރަޒުގައި ރާއްޖެއިން ބައިވެރިވެއްޖެ
ސްޕެއިންގެ ބާސެލޯނާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ސީފުޑް މައުރަޒު
ސްޕެއިންގެ ބާސެލޯނާގައި މި މަހުގެ 21 އިން 23 އަށް ކުރިއަށްދިޔަ، ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މައުރަޒު ކަމަށްވާ "ގްލޯބަލް ސީފުޑް މާކެޓްޕްލޭސް" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާގޮތުގައި، މި ފެއާގައި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން ބައިވެރިވިއެވެ. މީގެ ތެރޭގައި ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒް، ބްލޫ ސޯލްޓްވޯޓަރ އަދި ބިގްފިޝް މޯލްޑިވްސް ހިމެނެއެވެ.
މި މައުރަޒަކީ ދުނިޔޭގެ މަސްވެރިކަމުގެ ވިޔަފާރިތައް އެއްތަނަކަށް ޖަމާކޮށްދޭ މުހިންމު މައިދާނަކަށްވާއިރު، މިއީ ދިވެހި އެކްސްޕޯޓަރުންނަށް ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި މަސް ގަނެވިއްކާ ފަރާތްތަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
މައުރަޒުގެ ތެރެއިން "ފްރޮމް މޯލްޑިވްސް ޓު ދަ ވޯލްޑް" ގެ ނަމުގައި ރާއްޖެއިން ވަނީ ހާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވާފައެވެ. މި މަޝްވަރާގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިއާމް އާއި، މޮންޓެރޭ ބޭ އެކުއޭރިއަމްގެ ޕޮލިސީ އެންޑް ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ޑައިރެކްޓަރ ޖޯޝް މަޑެއިރާގެ އިތުރުން މިފްކޯގެ ސްޓްރެޓީޖިކް ކޮންސަލްޓަންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕެނަލްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެމެހެއްޓެނިވި އުސޫލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ލިބޭ ކުރިއެރުންތަކާއި، ޒިންމާދާރުކަމާއެކު ކުރާ މަސްވެރިކަން ބަލައިގަނެ އެކަމަށް ހިތްވަރު ދިނުމުގެ މުހިންމުކަމާ ގުޅޭގޮތުންނެވެ. އަދި މޮންޓެރޭ ބޭ އެކުއޭރިއަމް ސީފުޑް ވޮޗްގެ އެންމެ ފަހުގެ އެސެސްމެންޓްތަކާއި ރޭޓިންތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރެވުނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެމެރިކާގެ ކުންފުނިތަކުން މަސް ގަތުމުގައި ބޮޑު ސަމާލުކަމެއްދޭ "ސީފުޑް ވޮޗް" ޕްރޮގްރާމުން މި އަހަރުގެ އޭޕްރިލް މަހު ވަނީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ހާއްސަ ރޭޓިންއެއް ކަނޑައަޅާފައެވެ. މިއީ ވަކި ގައުމަކަށް ހާއްސަކޮށްގެން މިފަދަ ރޭޓިންއެއް ދިން ފުރަތަމަ ފަހަރެވެ.
2016 ވަނަ އަހަރުގެ ދިރާސާތަކާ ގުޅިގެން އިންޑިއާ ކަނޑުގެ ބޮޑުކަންނެލީގެ މަސްވެރިކަމާ މެދު މީގެ ކުރިން ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އަލަށް އާންމުކުރި އިރުޝާދުތަކުގައި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި މުޅި ސަރަހައްދުންވެސް އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް" ގެ ރޭޓިން ރާއްޖޭގެ އުފެއްދުންތަކަށް ވަނީ ލިބިފައެވެ.