Ads by Farudhun

ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުން އިތުރުވާތީ އެންސީބީން "ހައި-ޕްރިއޮރިޓީ" އެޑްވައިޒަރީއެއް ނެރެފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުން އިތުރުވާތީ އެންސީބީން "ހައި-ޕްރިއޮރިޓީ" އެޑްވައިޒަރީއެއް ނެރެފި

ރާއްޖެއަސް މަސްތުވާތަކެތި އެތެރެކުރި ބިދޭސީންގެ ތެރޭގައި ގިނަ އިންޑިއާ ރައްޔިތުން ފޮޓޯ: ޕޮލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2026، 08:22

25 އޭޕްރީލު 2026، 08:22

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާގެ ރައްޔިތުން ފަހަކަށް އައިސް އިތުރުވަމުންދާތީ، އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކަންބޮޑުވުން ފާޅުކޮށް، ހާއްސަ "ހައި-ޕްރިއޮރިޓީ އެޑްވައިޒަރީ" އެއް ނެރެފިއެވެ.

މި އެޑްވައިޒަރީ ނެރެފައިވަނީ ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިތުރަށް ހަރުކަށިކޮށް، ބޮޑެތި ކުށްތަކަށް މަރުގެ އަދަބު ދޭ ގޮތަށް ހަމަޖައްސާފައިވާ ދަނޑިވަޅެއްގައެވެ. އެންސީބީން ބުނީ ގައުމެއްގެ ގާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށާއި، ރާއްޖޭގެ ގާނޫނަށް ފުރިހަމައަށް ބޯލަނބައި، ހަރުކަށި އަދަބުތަކުން ސަލާމަތްވުމަށް ދަތުރުވެރިން ސަމާލުވުން މުހިންމު ކަމަށެވެ.

އެންސީބީން ވަނީ އެއާޕޯޓްތަކާއި، ކަނޑު ބަނދަރުތަކާއި، ޓްރާންސިޓް ޕޮއިންޓްތަކުން ދަތުރުކުރާއިރު، ގޮތް ނޭނގޭ މީހުން ދޭ އެއްޗިއްސާ ހަވާލު ނުވުމަށާއި، އަމިއްލަ ދަބަސްތަކާއި ފޮށިތަކަށް އަބަދުވެސް ސަމާލުވެ ތިބުމަށް ލަފާދީފައެވެ. މީގެ އިތުރުން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ ރާއްޖޭގެ ގާނޫނުތަކަށް ބޯލެނބުމަށް އިލްތިމާސްކޮށް، މަސްތުވާތަކެތީގެ ގާނޫނު ހަރުކަށިކޮށްފައިވާކަން ދަތުރުވެރިންގެ ސަމާލުކަމަށް ގެނެސްފައެވެ.

ފާއިތުވި ދުވަސްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އިންޑިއާގެ ފަސް މީހަކު ތިން މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މި މީހުންގެ ތެރެއިން ދެ މީހެއްގެ އަތުން 6.7 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވާއިރު، އަނެއް ދެ މީހުންގެ އަތުން 1.83 ކިލޯގެ ހަޝިޝް އޮއިލް ވަނީ ފެނިފައެވެ. އަދި އައްޑޫ ސިޓީއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ވެސް ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މިދިޔަ މަހު ވަނީ ހައްޔަރުކޮށްފައެވެ.

މި މަހުގެ ތެރޭގައި ވެސް ވެލާނާ އެއާޕޯޓުން ވަނީ އިންޑިއާގެ ދެ އަންހެނަކު 2.17 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައެވެ. އަދި އެހެން މައްސަލައެއްގައި އިންޑިއާގެ އަންހެނަކާއި ފިރިހެނަކު 2.4 ކިލޯގެ ޑްރަގާ އެކު ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލާހާ އެކު، މަރުގެ އަދަބު ކަނޑައެޅޭ މިންގަނޑުތަކަކީ:

  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުން،
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން،
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު1ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން،


މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުންނެވެ. އިއްތިފާގު ނުވާ ހާލަތްތަކުގައި އުމުރަށް ޖަލަށްލުމާ އެކު 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މި ހަރުކަށި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450