ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ވާދޫއިން އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ވާދޫއިން ހައްޔަރުކުރި މީހުން---
ފަރުދުން
26 އޭޕްރީލު 2026، 09:38
26 އޭޕްރީލު 2026، 09:38
މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ވާދޫއިން އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ / ސަންދަރޯސްގެ، މުޙައްމަދު އަޝްރަފް (30އ) އާއި ގއ. މާމެންދޫ / ހިތްވަރު، އާމިނަތު ޝާޔާ ޝުޖާޢު (18އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ އެޕްރީލް މަހުގެ 23 ވަނަ ދުވަހުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކޮށްފައެވެ.
މި މީހުން ޗެކްކުރީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ވާދޫ ބަނދަރު ސަރަހައްދުންނެވެ. އަދި އެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.28 ގުރާމު ހުރިކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އަޝްރަފް 30 ދުވަހަށް އަދި އާމިނަތު ޝާޔާ ޝުޖާޢު 60 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.