Ads by Farudhun

ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މެލޭޝިޔާގައި ރޯޑް ޝޯއެއް ބާއްވައިފި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މެލޭޝިޔާގައި ރޯޑް ޝޯއެއް ބާއްވައިފި

ރޯޑް ޝޯ/ފޮޓޯ: ޚާރިޖީ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 އޭޕްރީލު 2026، 12:21

26 އޭޕްރީލު 2026، 12:21

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް 'އައި އެމް މޯލްޑިވްސް' ގެ ނަމުގައި މެލޭޝިޔާގައި ރޯޑް ޝޯއެއް ބާއްވައިފި އެވެ.

މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމުގައިވާ ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.އެޗް.ޖީ.އޭ.އެމް) ގެ ފަރާތުން އިސްނަންގަވައިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން މަޓާޓޯ އަދި ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ބައިވެރިވުމާއެކު މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި ކުރިއަށްގެންދިޔަ ޝޯއެކެވެ.

މި ރޯޑް ޝޯގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ހޮޓާތަކާއި ގެސްޓްހައުސްތައް މެލޭޝިޔާގެ ފަތުރުވެރިންނަށް އިޝްތިހާރު ކުރުންކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއެވެ. މިގޮތުން މެލޭޝިޔާގެ ގިނަ ޢަދަދެއްގެ ޓުއަރ އޮޕަރޭޓަރުން މި ރޯޑް ޝޯއަށް ޒިޔާރަތްކޮށްފައިވާއިރު، 'އައި އެމް މޯލްޑިވްސް' ގެ ނަމުގައި ބޭއްވުނު މި އިވެންޓް އިފްތިތާޙްކޮށްދެއްވަމުން މެލޭޝިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެސެންޓެޓިވް އަލްފާޞިލް އައްބާސް އާދިލް ރިޒާ ވަނީ މެސެޖެއް ހުށަހަޅުއްވައި ދެއްވާފައެވެ.

މި މެސެޖްގައި، 2025 ވަނަ އަހަރު ހައިކޮމިޝަން އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.އެޗް.ޖީ.އޭ.އެމް) އައި ދެމެދު ބޭއްވުނު ބައްދަލުވުމުގެ ނަތީޖާ މިހާ އަވަހަށް ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް އަލްފާޞިލް އަބްދުﷲ ނަޝީދަށާއި، ނައިބު ރައީސް އަލްފާޞިލް އަޙްމަދު ވަހީދަށް އަދި ޖަމިއްޔާގެ އެންމެހާ ހީވާގި މެންބަރުންނަށް ވަރަށް އިޙްލާސްތެރިކަމާއި އެކު ޝުކުރު ދެންނެވިއެވެ.

މީގެ އިތުރުން، މެލޭޝިޔާއަކީ މިއަދު ދިވެހިރާއްޖެއާއި ވައިގެ ގުޅުން އެންމެ ރަނގަޅު ޤައުމު ކަމަށާއި، މެލޭޝިޔާގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން މިއީ ވަރަށް ރަނގަޅު ވަގުތެއްކަމުގައި ސަފީރުގެ މެސެޖްގައި ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، މި އިވެންޓަކީ ދިވެހިރާއްޖޭގެ ގިނަ ޢަދަދެއްގެ ހޮޓެލް އަދި ގެސްޓްހައުސްތަކެއްގެ މަންދޫބުންނާއެކު، މެލޭޝިޔާގައި ބޭއްވޭ މިފަދަ ފުރަތަމަ ހަރަކާތްކަން އައްބާސް ފާހަގަކުރެއްވިއެވެ.

މި ޙަރަކާތާއި ގުޅިގެން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ފަރާތުން ވިދާޅުވީ، މި ޙަރަކާތަށް އެ ޖަމިއްޔާގެ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިޔަ ކަމަށެވެ. އަދި މި އިވެންޓްގެ ސަބަބުން މެލޭޝިޔާގައި ރާއްޖޭގެ ޓޫރިޒަމް ފުޅާވެގެން ދިއުމުގެ ފުރުޞަތު ބޮޑުކަންވެސް އެފަރާތުން ފާހަގަކުރެއްވިއެވެ. މިގޮތުން، ކޮންމެ އަހަރަކުވެސް މެލޭޝިޔާގައި މިރޯޑް ޝޯވް ކުރިޔަށް ގެންދިއުމަށް އެފަރާތުން ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.

މި އިވެންޓް ނިންމާލުމުގެ ރަސްމިއްޔާތުގައި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކިޔަވާކުދީންގެ އެސޯސިއޭޝަން ކަމަށްވާ 'މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން އޮފް މެލޭޝިޔާ' ގެ ފަރާތުން ދިވެހި ސަޤާފީ ނެށުމެއް ހުށަހަޅައިދިނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450