ޚަބަރު
މަގު ކޮންނަ ފަރާތްތަކުން ކޭބަލް ނެޓްވޯކަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ކޭބަލް ބުރިވުމުގެ ޙާދިސާގެ ތެރެއިން ފޮޓޯ: ސްޓެލްކޯ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މަގުކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން ކަރަންޓު ކޭބަލް ނެޓްވޯކަށް މިއަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން މިފަދައިން އިލްތިމާސްކޮށްފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވި މައްސަލައާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ. އެ ކުންފުނިން ވިދާޅުވީ، ކަރަންޓު ކެނޑެން ދިމާވީ މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން ކަރަންޓު ކޭބަލަކަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ. ނަމަވެސް، ކުންފުނީގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން މިހާރު ވަނީ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފައެވެ.
މި ހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ، ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނުކަން ސްޓެލްކޯއިން ފާހަގަކުރިއެވެ. އެ ފަހަރު ލިބުނު ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓަރ" ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތެރެއިން، އެ ކޭބަލްގެ އެހެން ދިމާއަކަށް މީގެ ކުރިން ގެއްލުން ލިބިފައިވާކަން ފާހަގަކުރެވުނު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެ ގެއްލުން ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާތީ، ސްޓެލްކޯއިން ވަނީ އެ ސަރަހައްދުގެ ވިއުގަ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
ސްޓެލްކޯއިން އިތުރަށް ވިދާޅުވީ، ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކު ކަމަށެވެ. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ މިފަދަ ހާދިސާތައް ހުއްޓުވޭނެ ކަމަށް އެ ކުންފުނިން ދެކެއެވެ.
ކޮނުމުގެ މަސައްކަތް ކުރާއިރު، ބިމުގެ އަޑީގައިވާ މުހިންމު ވިއުގަތަކަށް ގެއްލުން ނުވާނޭހެން، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން މަސައްކަތް ކުރުމަށާއި، އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ލަސްނުކޮށް އެކަން އެންގުމަށް ސްޓެލްކޯއިން ވަނީ އާންމު ފަރުދުންނާއި، ކުންފުނިތަކަށް އިލްތިމާސްކޮށްފައެވެ.
ނޫސްބަޔާން: ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ކޭބަލްތަކަށް ގެއްލުންވެ ޚިދުމަތަށް ބުރޫއެރުން! pic.twitter.com/sRwINqD7eY
— STELCO (@STELCOMALDIVES) April 25, 2026