ކުޅިވަރު

އެފްއޭއެމް ރީޖަނަލް ލީގު: 3 ސަރަޙައްދުން ރީޖަނަލް ލީގުގައި ވާދަކުރާ ޓީމުތައް ކަށަވަރުވެއްޖެ

އެފްއޭއެމް ރީޖަނަލް ލީގު: 3 ސަރަޙައްދުން ރީޖަނަލް ލީގުގައި ވާދަކުރާ ޓީމުތައް ކަށަވަރުވެއްޖެ

ރީޖަނަލް ލީގުގެ ކޮލިފިކޭޝަން - ޒޯން 2ގެ ފައިނަލް މެޗު / ފޮޓޯ: ގަން ރެކްރިއޭޝަން ކްލަބް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 އޭޕްރީލު 2026، 07:13

27 އޭޕްރީލު 2026، 07:13

ރާއްޖޭގެ ފުޓުބޯޅަ ލީގު މުޅިރާއްޖެއަށް ފުޅާކުރުމަށްޓަކައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން ކުރިއަށްގެންދާ ރީޖަނަލް ލީގުގެ ކޮލިފިކޭޝަން ބުރު ނިމުމަކާ ގާތްވެފައިވާއިރު، 3 ސަރަޙައްދުން ރީޖަނަލް ލީގުގައި ވާދަކުރާ ޓީމުތައް ކަށަވަރު ވެއްޖެއެވެ.

ރީޖަނަލް ލީގުގެ ކޮލިފިކޭޝަން ބުރު ކުރިޔަށް ގެންގޮސްފައި ވަނީ ކޮންމެ ރީޖަންއެއް ދެ ޒޯނަކަށް ބަހާލައިގެން، ކޮންމެ ޒޯނަކުން 2 ޓީމު ރީޖަނަލް ލީގަށް ކޮލިފައިވާ ގޮތަށެވެ. އަދި ކޮލިފިކޭޝަން ބުރު، އެފްއޭއެމްއިން ކަނޑައެޅި ވަކި ރަށެއްގައި ކުޅުނު ނަމަވެސް، ރީޖަނަލް ލީގު ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

ރީޖަނަލް ލީގުތަކަށް ކޮލިފައިވެފާ ޓީމުތައް:

ނޯތު ރީޖަނަލް ލީގު: 

  • ހއ. ދިއްދޫ
  • ހދ. ހަނިމާދޫ
  • ނ. މަނަދޫ
  • ބ. އޭދަފުށި

ސެންޓްރަލް ރީޖަނަލް ލީގު:

  • ކ. ހުރާ
  • އދ. މަހިބަދޫ
  • ދ. ކުޑަހުވަދޫ
  • ދ. މީދޫ

ސައުތު ރީޖަނަލް ލީގު:

  • ލ. ކުނަހަންދޫ
  • ލ. ގަން
  • ގދ. ގައްދޫ
  • ސ. ފޭދޫ

 މި 3 ރީޖަންގެ ޗެމްޕިއަނުންގެ އިތުރުން މާލޭ ރީޖަނަލް ލީގުގެ ޗެމްޕިއަނުންނަށް، ދިވެހި ޕްރިމިއަރ ލީގުގެ ޕްލޭއޮފް ބުރުން ޖާގަ ލިބޭނެއެވެ. އެ ބުރުގައި، މިދިޔަ ސީޒަންގައި ދިވެހި ލީގުގެ 7ވަނަ އަދި 8ވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް ވެސް ވާދަކުރާނެއެވެ.

ޕްލޭ އޮފް ބުރަށްފަހު ދިވެހި ލީގުން ފުރުސަތު ލިބޭނީ، ލީގު އުސޫލަށް ކުރިޔަށްގެންދާ ޕްލޭއޮފްގެ ގަދަ 4 ޓީމަށެވެ. އަދި ޕްރިމިއަރ ލީގަށް ކޮލިފައިނުވާ ދެ ޓީމު ރީޖަނަލް ލީގަށް ރެލިގޭޓްވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450