Ads by Farudhun

ޚަބަރު

ބާރުގަދަ މަޖިލީހަކަށް ވެވޭނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ސަރުކާރު ޖަވާބުދާރީކުރުވައިގެން: ނައިބު ރައީސް

ބާރުގަދަ މަޖިލީހަކަށް ވެވޭނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ސަރުކާރު ޖަވާބުދާރީކުރުވައިގެން: ނައިބު ރައީސް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޭޕްރީލު 2026، 02:38

27 އޭޕްރީލު 2026، 02:38

ބާރުގަދަ މަޖިލީހަކަށް ވެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރެވޭ މަސައްކަތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ކޮމަންވެލްތުގެ ސީޕީއޭ (ކޮމަންވެލްތު ޕާލިމަންޓަރީ އެސޯސިއޭޝަން) ސްމޯލް ބްރާންޗަސް ވޯކްޝޮޕް ފެށުމުގެ ގޮތުން މިއަދު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއީ ރާއްޖޭގައި މިފަދަ ވޯކްޝޮޕެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖެއާއި ކޮމަންވެލްތާއި އެ ޖަމުޢިއްޔާގެ މެންބަރު ޤައުމުތަކާ އޮތް ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށެވެ. އަދި ރާއްޖޭން ޑިމޮކްރަޓިކް މުއައްސަސާތައް ކުރިއަރުވައި ޖަވާބުދާރީ ކުރުވުން އިތުރަށް ހަރުދަނާކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ޤާނޫނު ހަދާ މަޖިލިސްތަކުގެ މިނިވަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، މަޖިލިސްތަކުން މަސައްކަތް ކުރަންވާނީ ވަކި އަމާޒަކަށް މިނިވަންކަމާއެކުގައި ކަމަށާއި، އެހެން ނޫންނަމަ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމަށެވެ.

ބާރުގަދަ މަޖިލީހަކީ ޑިމޮކްރަޓިކް އުސޫލުތަކާއި ހަމަތަކުގެ މައްޗަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާ، ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ސަރުކާރުތައް ޖަވާބުދާރީ ކުރުވާ މަޖިލިސްތައް،

ނައިބު ރައީސް

އަދި މި މަސައްކަތުގައި ސީޕީއޭ ސްމޯލް ބްރާންޗަސް ވޯކްޝޮޕް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ސީޕީއޭއަކީ އެކި ގޮތްގޮތުން ރައްޔިތުންގެ މަޖިލީހަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމުޢިއްޔާއެއް ކަމަށާއި، މި ވޯކްޝޮޕްގެ ސަބަބުން އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މީގެއިތުރުން، މަޖިލީހުގެ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، އީ-ޕެޓިޝަން ނިޒާމާއި ޕްރެކްޓިސް ޕާލިމަންޓަކީ މި އަމާޒަށް ވާސިލުވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުދި ޤައުމުތަކަށް ޑިމޮކްރަސީގައި ދިމާވާ ގޮންޖެހުންތައް ބޮޑު ކަމަށާއި، އެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެނީ މަދު ވަސީލަތްތަކާއެކު ކަމަށެވެ. އެހެންކަމުން، ބައިނަލްއަގުވާމީ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު މިފަދަ ވޯކްޝޮޕްތަކުން ހުޅުވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހޮޓެލް ޖެންގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ސީޕީއޭގެ މެންބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި، ނައިބު ރައީސުންގެ އިތުރުން އެކި ޤައުމުތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ކުދި ޤައުމުތަކުގެ މަޖިލިސްތައް ހަރުދަނާކޮށް، ރައްޔިތުންގެ ޙައްގުގައި މަސައްކަތްކުރާ އިތުބާރު ހުރި މުއައްސަސާތަކަކަށް ހެދުމަށް މަޝްވަރާކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450