ޚަބަރު
ޙައްޖުވެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ފަށައިފި
ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ފޮޓޯ: ޕީއެސްއެމް
މިއަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންނަށް "މައްކާ ރޫޓު" އިނީޝިއޭޓިވްގެ ދަށުން ފޯރުކޮށްދޭ ލުއިފަސޭހަ ޚިދުމަތްތަކަށް ބޭނުންވާ ބަޔޯ-މެޓްރިކްސް ނެގުމުގެ މަސައްކަތް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު ފަށައިފިއެވެ.
މިއީ އިމިގްރޭޝަންގެ ބޭނުމަށާއި، ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ "ނުސުކް" ޕްލެޓްފޯމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް އެއްކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ބަޔޯމެޓްރިކްސްގެ ގޮތުގައި ނަގަނީ ޙައްޖުވެރިންގެ އިނގިލީގެ ނިޝާނާއި މޫނުގެ ފީޗަރސްތައް އެކުލެވޭ ފޮޓޯއެވެ.
މި މަސައްކަތް މިހާރު ފަށާފައިވަނީ މާލޭގައި ދިރިއުޅޭ ޙައްޖުވެރިންނަށް އަމާޒުކޮށްގެންނެވެ. އަތޮޅުތަކުގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ، އެމީހުން ޙައްޖަށް ފުރާ ތާރީޚާ ކައިރިކޮށް ބާއްވާ ބައްދަލުވުންތަކުގައެވެ. މި ޚިދުމަތް ދިނުމުގައި ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ފޯނުން އޮންލައިންކޮށް މަޢުލޫމާތު ނެގޭއިރު، އެ މަޢުލޫމާތުތައް ވަގުތުން ސައުދީ އިމިގްރޭޝަންގެ ޕޯޓަލްއަށް އަޕްލޯޑް ކުރެވެއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްއަކީ ޙައްޖުވެރިންގެ ފްލައިޓް ދަތުރުފަތުރާއި، ސައުދީ އެއާޕޯޓުން ހޮޓަލަށް ދިއުމުގެ އިންތިޒާމްތައް ލުއިފަސޭހަކުރުމަށް ސައުދީ ސަރުކާރުން 2019 ވަނަ އަހަރު ތައާރަފުކުރި ސިޔާސަތެކެވެ. ރާއްޖޭގެ މިހާރުގެ ސަރުކާރުން ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުގެ ދަށުން، މި ޚިދުމަތް ރާއްޖޭގެ ޙައްޖުވެރިންނަށް ފުރަތަމަ ފަހަރަށް ލިބެން ފެށީ މިދިޔަ އަހަރުއެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، މައްކާ ރޫޓަކީ ދިވެހި ޙައްޖުވެރިންނަށް ލިބުނު "އިންޤިލާބީ" ބަދަލެއް ކަމަށެވެ.
މިދިޔަ ޙައްޖާ ހަމައަށް މައްކާ ރޫޓުގެ އަޑު އެކަނި އިވެނީ. ޚިދުމަތް ލިބުނީމަ މި އިނގުނީ މިއީ ކިހާ ބޮޑު ލުއިފަސޭހައެއްކަން،
ޝަކީލް
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ޚިދުމަތުގެ ސަބަބުން ސައުދީ އެއާޕޯޓަށް ފޭބުމަށްފަހު، ކުރިން ހޭދަވާ ގިނަ ވަގުތުތަކުގެ ބަދަލުގައި މިހާރު މަޑުކުރަން ޖެހެނީ އެންމެ 3 މިނެޓެއްހާއިރުއެވެ.
މި އިންތިޒާމުގެ ދަށުން ޙައްޖުވެރިންގެ ވިސާ އާއި އިމިގްރޭޝަންގެ ހުރިހާ ކަމެއް ފުރިހަމަ ކުރެވޭނީ ރާއްޖެއިންނެވެ. ސައުދީ ސަރުކާރުން މުޅި ދުނިޔެއިންވެސް މި ޚާއްޞަ ޚިދުމަތް ދެނީ އެންމެ 10 ޤައުމަކަށް ކަމަށްވާއިރު، ރާއްޖެއަކީ އޭގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ.