ޚަބަރު
ދިވެހިރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އެބައޮތް: ވަޒީރު ސަޢީދު
ވަޒީރު ސަޢީދު--
ދިވެހިރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އެބައޮތްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އެބައޮތްކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ނޫސްތަކުގައި ބޭނުންވާ އެއްޗެއް ލިޔުމުގެ ހުއްދަ އޮންނަ ކަމަށާއި، ބޭނުންވާ ވާހަކަތައް ވެސް ނޫސްތަކުގައި ލިޔެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިކަންކަން ކުރަންޖެހޭނީ ވަކި މިންގަނޑެއްގެ ތެރެއިން ޒިންމާދާރުކަމާއެކުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެއްވެސް އަޚްލާޤީ މިންގަނޑެއް ނެތި، އަބުރު ކަތިލެވޭ ހިސާބަށް ކަންކަން ގޮސް، ޢާއިލާތަކަށް މަގުމައްޗަށް ނިކުމެ އުޅެން ދަތިވާވަރަށް ކަންކަން ގެންދިޔުމަކީ މިނިވަންކަން ކަމަށް ޤަބޫލުކުރެވޭނަމަ އަޅުގަނޑުމެންގެ މުޖްތަމަޢު މިއަދު މި އޮތް ހިސާބާމެދު ވިސްނާލަންޖެހޭ ނޫންތޯ؟
ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތަށް ހުތުރުވާގޮތަށް "އަދަދު" ނޫހުން ހެދި ޑޮކިއުމެންޓްރީއާއި، އެ ނޫހުން ދައްކާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އެގޮތުން، އެއްވެސް އިމެއް ނެތި، އެއްވެސް ޙަޤީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރާ، އެ މިންގަނޑަށް ރާއްޖޭގެ ނޫސްވެރިން ވެއްޓެންޖެހޭނެކަމަކަށް އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވަނީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލާފައިވާކަން ފާހަގަކުރައްވާ، ޒިންމާދާރުކަމާއެކު އެކަން ކުރިއަށް ގެންދިޔުމަށް ނަޞޭޙަތްތެރިވެފަ އެވެ.