Ads by Farudhun

ޚަބަރު

ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިސްލާމްދީނާއި ޤާނޫނުގެ ޙުދޫދުގެ ތެރޭގައި ދެމެހެއްޓުމަށް އެދެން: ވަޒީރު ޝަހީމް

ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިސްލާމްދީނާއި ޤާނޫނުގެ ޙުދޫދުގެ ތެރޭގައި ދެމެހެއްޓުމަށް އެދެން: ވަޒީރު ޝަހީމް

ވަޒީރު ޝަހީމް/ފޮޓޯ: އެޓޯލް ޓައިމްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޭޕްރީލު 2026، 11:22

28 އޭޕްރީލު 2026، 11:22

ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިސްލާމްދީނާއި ޤާނޫނުގެ ޙުދޫދުގެ ތެރޭގައި ދެމެހެއްޓުމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.

ވަޒީރު މިފަދައިން އެދިވަޑައިގެންފައިވަނީ، "އަދަދު" ނޫހުން މިދިޔަ މަހު ގެނައި  ޑޮކިއުމެންޓްރީއަކާއި ގުޅިގެން އެ ނޫހުގެ އިދާރާއަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަދެފައިވާ މި ދަނޑިވަޅުގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ވަޒީރު ޝަހީމް ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ލިބިގެންވާކަން ޤަބޫލުފުޅު ކުރައްވާ ކަމަށާއި، ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ޤައުމަކަށް ރާއްޖެ ވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހަމަ އެއާއެކު، އަނިޔާވެރިކަމާއި ބޭއިންސާފާއި ކޮރަޕްޝަން ނައްތާލުމުގައި ނޫސްވެރިކަމަކީ ރާއްޖޭގައި މުހިންމު ދައުރެއް އަދާކުރާކަމެއް ކަމަށާއި، ނޫސްވެރިކަމަކީ ރާއްޖޭގައި ޤައުމީ ފެންވަރުގައި އަގުވަޒަންކުރެވޭކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމްދީނާއި ޤާނޫނު އަސާސީގެ އިމުން ބޭރުން މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަނެ ފުރައްސާރަކޮށް ބުލީކުރުމުގެ ނިޒާމަކަށް ބަދަލުވެއްޖެ ނަމަ މުޖުތަމަޢު ހަލާކުވެގެން ހިނގައިދާނެކަން ފާހަގަކުރައްވަަމުން ވަޒީރު ވިދާޅުވީ، ނަޒާހަތްތެރި ނޫސްވެރިކަމަކީ މުޖުތަމަޢު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދޭނެ ވަރުގަދަ ނިޒާމެއް ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ސަރުކާރެއް. ޚާއްޞަ ގޮތެއްގައި ރައީސް އަމިއްލަފުޅަށް ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވައި ސީދާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމާއި އެކަން އެގޮތަށް ކުރުމަށް ވަޒީރުންނަށް ބާރު އަޅުއްވާކަމީ ފެންނާން އޮތް ހަޤީޤަތެއް. މަޢުލޫމާތު ހާމަކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް.

ވަޒީރު އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަދު ރައީސުލްޖުމްހޫރިއްޔާއަށާއި، އެމަނިކުފާނުގެ ބޭފުޅުންނާއި ޢާއިލާއަށާއި، ވަޒީރުންނާއި ޢާއިލާތަކަށް ރާއްޖޭގެ ބައެއް ނޫސްތަކުންނާއި ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަގު އެކައުންޓްތަކުން ފުރައްސާރަކުރަމުންގެންދަނީ މީގެ ކުރިން ރާއްޖޭގައި މިފަދަ ކަންކަން ކުރިމަތިވެފައި ނުވާ މިންވަރަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، އިންސާފަށް ލޯބުކުރާ އެއްވެސް ރައްޔިތަކު މިކަންކަން ބަލައި ނުގަންނާނެ ކަމަށާއި، ކަންކަމަށް ފާޑުކިއުމަކީ މައްސަލައެއްނޫން ނަމަވެސް، ޒާތީގޮތުން ދިމާކުރުމަކީ ނޭދެވޭ ޢަމަލެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން، އަބުރާ ބެހުމާއި ގަޒުފުކުރުމާއި ފުރައްސާރަކުރުމާއި ނުބައި ލަޤަބުތަކުން މީހުންނާ މުޚާޠަބްކުރުމާއި ދޮގު ވާހަކަ ފެތުރުމަކީ ކީރިތި ޤުރްއާނާއި ނަބިއްޔާގެ ސުންނަތުގައި ނަހީކުރައްވާފައިވާ ކަންތައްތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިންސާނަކަށް ލިބިގެންވާ އެންމެ މަތިވެރި ޝަރަފަކީ އޭނާގެ އަބުރާއި ކަރާމަތުގެ ޝަރަފްކަމަށާއި، އެއީ އިންސާނާގެ މަޢުނަވީ ޝަޚްޞިއްޔަތުކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، އަބުރު ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި ލައްވާފައިވާކަމެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، ހެޔޮ ގޮތުގައި މަސައްކަތްކުރައްވާ އެންމެހައި ނޫސްވެރިންގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރައްވާ ކަމަށެވެ. އަދި ނޫސްވެރިކަމަކީ އަދަބިއްޔާތުގެ ތެރޭގައި ނަޤުދީ ވިސްނުމާއި ބިނާކުރަނިވި ފާޑުކިއުމުގެ މައްޗަށް ހިނގާ ނިޒާމަކަށް ވެއްޖެނަމަ މުޅި މުޖުތަމަޢަށް ފައިދާވާނެކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450