ޚަބަރު
ފުލުހުންގެ ބެލުމުގެދަށުގައި ހުރި 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި
މަސްތުވާތަކެތި ނައްތާލަނީ/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެދަށުގައި ހުރި 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިހިނގާ އެޕްރީލް މަހުގެ 27 ވަނަ ދުވަހު ދޫނިދޫގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 4690 ރަބަރު ޕެކެޓާއި، 2768 ސެލޯފިންކޮޅާއި، ފިލްމުހުސްކުރި 335 ދަޅާއި، 462 ބުލެޓުގެ އިތުރުން 3437 މަނާ ބޭސްގުޅަ ކަމަށެވެ. ހަމަ އެއާއެކު، އެހެނިހެން ތަކެތީގެ ގޮތުގައި 1809 އައިޓަމެއް ނައްތާލާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، މި ހަރަކާތުގައި ބައިވެރިވުމަށް ނޫސްވެރިންނާއި ޢާންމު ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ޤާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ދަނީ ނައްތާލަމުންނެވެ.