ޚަބަރު
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބުމުގެ މާނައަކީ ޙަޤީގަތާ ޚިލާފު ވާހަކަތައް ދެއްކުމުގެ މިނިވަންކަން އޮތުމެއް ނޫން: ޝުޖާއު
އެމްޕީ ޝުޖާއު/ފޮޓޯ: މަޖިލިސް
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބުމުގެ މާނައަކީ ޙަޤީގަތާ ޚިލާފު ވާހަކަތައް ދެއްކުމުގެ މިނިވަންކަން އޮތުމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ޝުޖާއު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި، ޤާނޫނުއަސާސީން ލިބިދީފައިވާ ފުރިހަމަ މިނިވަންކަން ކަށަވަރުކޮށްދީފައިވާކަމަށް ވިދާޅުވެފައެވެ.
މެމްބަރު ޝުޖާއު ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމެނޭހެން، ހުރިހާ ޙައްޤުތަކެއް ވެސް މިހާރުގެ ޤާނޫނު އަސާސީ ވުޖޫދުވީފަހުން މިހާތަނަށް ދިިވެހިން ނުދެކޭ ވަރަށް އަދުގެ ސަރުކާރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް، އޭގެ މާނައަކީ ހިތުހުރިހާ ވާހަކައެއް، ހިތުހުރި ގޮތަކަށް ޙަޤީގަތާ ޚިލާފަށް ދެއްކުމުގެ މިނިވަންކަން ލިބިދޭ ވާހަކައެއް ނޫންކަން ޝުޖާއު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، އެބޭފުޅުން ވާދަވެރި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވީއިރު، މާލޭގެ މަގުތަކުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުލިބޭކަމަށް ޝުޖާއު ވިދާޅުވިއެވެ.
"ވާހަކަދެއްކީމަ ގެންގޮސް ލަނީ ޖަލަށް. 24 ގަޑިއިރު 48 ގަޑިއިރު ގޮސް ބައިތިއްބަނީ ޖަލުގައި. ޙައްޤެއް ނޯވޭ. އޭރުގަ ދެމުން ގެންދިޔައީ ކުދި އަނިޔާ. އޭރުގެ ނޫސްވެރިންނަށާއި 'ދިޔަރެސް' ގެ ނޫސްވެރިންނަށް ލިބެމުންދިޔައީ، އާދެ އެބޭފުޅުންގެ އޮފީސްތަކަށް ގޮސް ރެއިޑެއް ނުކުރޭ. އެހެންނަމަވެސް ލިބެމުން ދިޔަ އަނިޔާ އަޅުގަނޑުމެން ދުށިން. ނޫސްވެރިންގެ ކެމެރާއާ އާލާތްތައް ފުނޑުފުނޑު އަރުވާލަމުން ދިޔަ މަންޒަރު އަޅުގަނޑުމެން ދުށިން."
މެމްބަރު ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ރާއްޖޭގައި ވެރިކަން ކުރިއިރު، މިފަދަ ޢަމަލުތައް ހިންގާފައިވަނީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤުގެ ތެރެއިން އެ ޙައްޤު ބޭނުންކުރީތީ ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ބޭނުންވަނީ ޤާނޫނު އަސާސީގެ 7 ވަނަ ބާބުގައިވާ މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތަކުގައި ތިއްބަވާ ބޭފުޅުންގެ ޒިންމާ އޭގެ ފުރިހަމަ ގޮތުގައި އަދާކުރޭތޯ ކަށަވަރުކުރުންކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
"ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަން. ހިތުހުރި ގޮތަކަށް ސިޔާސީ ޕާޓީތަކުން މާލޭގެ މަގުތައް ހަލަބޮލިކުރަމުން އެބަގެންދޭ. ކޮބާތޯ އިލެކްޝަންސް ކޮމިޝަނުން މިއަދު އަދާކުރާ ޒިންމާ؟"
ޝުޖާއު އިތުރަށް ވިދާޅުވިއެވެ.
ނަމަވެސް، އަދުގެ ޕީއެންސީ މެންބަރުން އިދިކޮޅުގައި ތިބެގެން އެ ޙައްޤުތައް ބޭނުންކުރަން މަސައްކަތްކުރުމުން، އެބޭފުޅުންގެ ޕާޓީ ޖޫރިމަނާކުރި ޢަދަދު ނޭނގޭކަމަށް ޝުޖާއު ވިދާޅުވިއެވެ. ހަމަ އެހެންމެ، ދިވެހި ސަރުކާރުން އެ ޕާޓީއަށް ދޭ ފައިސާ އިދިކޮޅު އެމްޑީޕީގެ ސަރުކާރުގައި ކޮންމެ އަހަރަކު ވެސް ދެނީ ކަނޑާފައިކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޢަމަލުތައް އިދިކޮޅު އެމްޑީޕީން ކޮށްފައިވަނީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއްގެ ބޭނުންކުރީތީކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން، ޤާނޫނު އަސާސީން ޙައްޤު ކަށަވަރުކޮށްދީފައި ވަނީ އިސްލާމީ ޙުދޫދުގެ ތެރެއިން ކަންކަން ކުރުމަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް، މިއަދު ތަންމިނަށް ހުޅުވާލައިގެން ބޭނުންހާ ވާހަކައެއް ނުދެއްކޭނެ ކަމަށާއި، މުޅި ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ އެންމެ މުހިންމު މަސްދަރަކީ މާތްވެގެންވާ އިސްލާމްދީނުގެ ޙުދޫދުގެ ތެރެއިން ކަންކަން ކުރުން ކަމަށް ޝުޖާއު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.
"ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙާ ގުޅޭގޮތުން ރައީސް ނަޝީދު ޒިނޭގެ ތުހުމަތުކުރެއްވި. އެކަން ބެއްލެވުމާ ނުބެއްލެވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙްގެ މައްސަލައެއް. އޭގެ މާނައަކީ އެކަން މިއަދު ތަންމިނަށް ހުޅުވާލެވިގެން ބޭނުންހާ ވާހަކައެއް ދެއްކުމުގެ ފުރުޞަތު ރައީސް މުޢިއްޒު ދޭންވީއެކޭ އެއް ނޫން."
މެމްބަރު ޝުޖާއު ވިދާޅުވިއެވެ.
ޤާނޫނު އަސާސީން ލިއްބައިދޭ ކަށަވަރުކަން ކޮންމެ ރައްޔިތަކަށް ވެސް ދޭން ޖެހޭނެކަން ފާހަގަކުރައްވަމުން ޝުޖާއު އިތުރަށް ވިދާޅުވީ، އަބުރުގެ ރައްކާތެރިކަން ކޮންމެ ދިވެހި ރައްޔިތަކަށް ލިބެންޖެހޭ ކަމަށެވެ. ހަމަ އެހެންމެ، ދިވެހި ރައްޔިތުން މި ޤާނޫނު އަސާސީ ހޯދީވެސް އެ ސަބަބުތަކަށްޓަކައި ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މި ޤާނޫނު އަސާސީގެ "ޗެމްޕިއަން" އަކީ ތިމަންނާއޭ ކިޔާފައި ވާހަކަ ދެއްކުމަށްފަހު، ޤާނޫނު އަސާސީން ލިއްބައިނުދެވޭ މިންވަރަށް ޙައްޤުގެ ބޭނުންކުރަން ފެށުމުން އެ މިން ފަހަނައަޅައިގެން ގޮސްފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ.
"ޤާނޫނު ހިނގަންޖެހޭނެ މި ޤައުމުގަ. ޤާނޫނު ނުހިގަންޏާ މި ޢިއްޒަތްތެރި މަޖިލިސް އޮތުމުގެ ބޭނުމެއް ނެތް. އަޅުގަނޑުމެންގެ ރައީސްގެ ޢާއިލާއަށް ކޮން ޙައްޤެއް އޮވެގެންތޯ ހިތުހުރި ތުހުމަތުތަކެއް ކުރަމުން އެ ގެންދަނީ. ކޮންފަދަ ހިތްދަތިކަމެއްގަތޯ އަޅުގަނޑުމެންގެ ރައީސް މިއަދު އުޅުއްވަމުން އެ ގެންދަވަނީ. ދަރިންނާ ބެހެނީ، އަނބިކަނބަލުންނާ ބެހެނީ، ޢާއިލާއާ ވެސް ބެހެނީ."
ޝުޖާއުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެހެންނަމަވެސް، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ޤާނޫނު އަސާސީގެ ޙުދޫދުގެ ތެރެއިން ހިތްވަރާއެކު މި ޤައުމަށް ޚިދުމަތް ކުރައްވަމުންކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ސިޔާސީ ޕާޓީތައް މިއަދު ހަރުދަނާކޮށް ހިނގަންޖެހޭ ކަމަށާއި، ހިތުހުރިހާ ވާހަކަތަކެއް ދެއްކުމަކީ ސިޔާސީ ޕާޓީތަކަށް ލިބިގެންވާ ލައިސެންސެއް ނޫންކަމަށް ޝުޖާއު ވިދާޅުވިއެވެ. ހަމަ އެހެންމެ، އެމްޑީޕީގެ 5 އަހަރުގެ ވެރިކަމުގައި ޕީއެންސީން އެފަދަ އެތައް ކަމެއް ތަޖުރިބާކޮށްފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ކޮންމެ މީހެއްގެ މައްޗަށް ވެސް ޙަޤީގަތާ ޚިލާފު ތުހުމަތެއް ކުރެވޭކަމުގައިވާނަމަ، އެކަމެއް ބެލުމަކީ ޤާނޫނު އަސާސީން ކަށަވަރުކުރާ ކޮމިޝަންތަކާ މުސްތަޤިއްލު މުއައްސަސާތަކުން ބަލަންޖެހޭ ކަމެއްކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނެމަ ޤާނޫނު އަސާސީގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި، ޙަޤީގަތާ ޚިލާފު ވާހަކަތައް ފަތުރާ މީޑިއާތަކުގެ މައްސަލަތައް ބަލަން ފަށާއިރަށް މިނިވަންކަމަށް އަރައިގަތީކަމަށް ބުނާނަމަ، ޤާނޫނު އަސާސީގެ ދަށުން ފުރިހަމައަށް ދައުލަތް ހިންގާނެ ގޮތަކާމެދު މެމްބަރު ޝުޖާއު ވަނީ ސުވާލު އުފައްވަފާއެވެ.
ޝުޖާއު ވަނީ، މިނިވަން މުއައްސަތާތަކުން މިޤައުމުގައި އަމަންއަމާންކަން ޤާއިމްކޮށް، އެންމެންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައްވާފައެވެ.