ކޮލަމް

ޑެންގީގެ ބިރުވެރިކަން: އިތުރުވަމުންދާ ކޭސްތަކާއި މުޖުތަމަޢުގެ ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅުތައް

ޑެންގީގެ ބިރުވެރިކަން: އިތުރުވަމުންދާ ކޭސްތަކާއި މުޖުތަމަޢުގެ ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅުތައް

ޑެންގީ ކޭސް/ފޮޓޯ: ލީޑަރޝިޕް ނިއުސްޕޭޕަރ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 އޭޕްރީލު 2026، 12:02

29 އޭޕްރީލު 2026، 12:02

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ފެތުރެމުންދާ މިންވަރު ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައިވާކަން ކަމާބެހޭ ޞިއްޙީ އިދާރާތަކުން ދަނީ ހާމަކުރަމުންނެވެ. ޚާއްޞަކޮށް ވޭތުވެދިޔަ މަސްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބަލިޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ވަނީ އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައެވެ. މިއީ ހަމައެކަނި ޞިއްޙީ ނިޒާމަށް އޮތް ގޮންޖެހުމެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަމާ ގުޅިފައިވާ ނުރައްކާތެރި ރަނގަބީލެކެވެ.

މިއަހަރު ޑެންގީ ކޭސްތައް އިތުރުވުމަށް ދިމާވި މައިގަނޑު އެއް ސަބަބަކީ މޫސުމަށް އައި ބަދަލުތަކެވެ. އަހަރުގެ ކުރީކޮޅު ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން ތަންތަނުގައި ފެން ހަރުލާފައި ހުރުމަކީ މަދިރި އާލާވުމަށް ލިބުނު ވަރަށް ބޮޑު ފުރުޞަތެކެވެ. މީގެ އިތުރުން، އިމާރާތްކުރާ ސަރަޙައްދުތަކާއި، ގޭގޭގެ ގޯތިތެރޭގައި ހުންނަ ހުސް ދަޅާއި، ފުޅި ފަދަ ތަކެތީގައި ފެން ހަރުލާފައި ހުރުމަކީ މަދިރި އާލާވުމަށް މަގުފަހިވާ ކަންކަމެވެ. އަދި މީހުން ދިރިއުޅޭ މާޙައުލުގެ ސާފުތާހިރުކަމަށް ދެވޭ ސަމާލުކަން ކުޑަވުމަކީވެސް މި ބަލި ހަލުވިކަމާއެކު ފެތުރުމަށް މެދުވެރިވާ ސަބަބެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (WHO) އިން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި، ދުނިޔޭގެ ހޫނުމިން މަތިވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ޖެހޭ މީހުންގެ އަދަދު ދަނީ ދުނިޔޭގެ ފެންވަރުގައިވެސް އިތުރުވަމުންނެވެ. ޚާއްޞަކޮށް އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގައި ޑެންގީއަކީ މިހާރު "އެންޑެމިކް" ނުވަތަ އަބަދުވެސް ފެތުރޭ ބައްޔަކަށް ވެފައިވާކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. އެހެންކަމުން، މި ބަލިން ސަލާމަތްވުމަށްޓަކައި ހަމައެކަނި 'ފޮގް' ކުރުމަކުން ނުފުދޭ ކަމަށާއި، މަދިރި އާލާވާ ތަންތަން ނައްތާލުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް ދިރާސާތަކުން ދައްކައެވެ.

މިއަހަރު ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާ ޢަދަދުތައް:

  • ޖެނުއަރީ - 679 ކޭސް
  • ފެބްރުއަރީ - 428 ކޭސް
  • މާރިޗް - 600 ކޭސް
  • އޭޕްރީލް - 476

މިދިޔަ އަހަރު ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާ ޢަދަދުތައް:

  • ޖެނުއަރީ - 76
  • ފެބްރުއަރީ - 87
  • މާރިޗް - 76
  • އޭޕްރީލް - 135

ޑެންގީން ރައްކާތެރިވުމަށްޓަކައި ފަރުދީ ފެންވަރުގައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން، ހަށިގަނޑު ނިވާވާފަދަ ހެދުން އެޅުމާއި، މަދިރި ލޯޝަން ނުވަތަ މޮސްކިޓޯ ރިޕެލެންޓް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. އަދި ގޭތެރެއާއި ގޯތިތެރޭގައި ފެން ހަރުލާފައި ހުންނަ ތަންތަން މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކުރުމަކީ މަދިރި އާލާވުން ހުއްޓުވުމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅެވެ. ޚާއްޞަކޮށް އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތަކީ މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމުން، އެ ގަޑިތަކުގައި ކުޑަކުދިން ބޭރަށް ނެރުމުގައި ސަމާލުވާންޖެހެއެވެ.

ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ސަމާލުކަންދޭންވީ އެންމެ މުހިންމު ކަމަކީ އަވަހަށް ޞިއްޙީ ފަރުވާ ހޯދުމެވެ. ގަދައަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ހުޅުތަކުގައި ރިއްސުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ. އަދި ހުން އަންނަ މުއްދަތުގައި ޕެރަސެޓަމޯލް ފިޔަވައި އެހެން ތަދުކަނޑުވާ ބޭސްތައް ބޭނުންނުކުރުމާއި، ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި އަރާމުކުރުމަކީ ބަލިން އަވަހަށް ފަސޭހަވުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

ޖުމްލަގޮތެއްގައި ބަލާއިރު، ޑެންގީ ހުން ކޮންޓްރޯލް ކުރުމަކީ ހަމައެކަނި ސަރުކާރުގެ ނުވަތަ ޞިއްޙީ އިދާރާތަކުގެ ޒިންމާއެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢު އެކަތިގަނޑަކަށް ވެގެން ކުރަންޖެހޭ މަސައްކަތެކެވެ. އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ފަދައިން ސާފުތާހިރުކަމަށް އިސްކަންދީ، އަވަށްޓެރިންނާއި އެންމެން ގުޅިގެން މަދިރި އާލާވާ ތަންތަން ނައްތާލުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450