ރިޕޯޓް

މަސައްކަތުގެ މާހައުލުގައި ތަފާތުތަކަށް އިޙްތިރާމްކުރުމާއި އިންސާނިއްޔަތުކަން މަތިވެރިކުރުން މުހިންމު

މަސައްކަތުގެ މާހައުލުގައި ތަފާތުތަކަށް އިޙްތިރާމްކުރުމާއި އިންސާނިއްޔަތުކަން މަތިވެރިކުރުން މުހިންމު

ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްތެރިންތަކެއް މަސައްކަތް ކުރަނީ. ފޮޓޯ: ޓުޑޭ އެމްވީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 މޭ 2026، 10:52

01 މޭ 2026، 10:52

ކޮންމެ އަހަރެއްގެ މެއި މަހުގެ 1 ވަނަ ދުވަހަކީ މުޅި ދުނިޔޭގައި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ "މޭ ޑޭ" ގެ ގޮތުގައި ފާހަގަކުރަމުންދާ ދުވަހެވެ. މި ދުވަހަކީ މަސައްކަތްތެރިންނާއި މަސައްކަތްކުރާ އެކި އެކި ފަންތިތަކުގެ މީހުންގެ ހީވާގިކަމާއި، ކެތްތެރިކަމާއި، އަދި އެމީހުންގެ މިންނެތް މަސައްކަތުން ދުނިޔޭގެ މުޖުތަމަޢުތަކާއި އިޤްތިޞާދުތައް ބައްޓަންކުރުމުގައި އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެކަމުގެ އަގު ވަޒަން ކުރުމަށް ޚާއްޞަ ކުރެވިފައިވާ ދުވަހެކެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނެގުމާއި، ނުރައްކާތެރި މަސައްކަތުގެ މާހައުލުތަކާއި، އަދި އާމްދަނީގެ ފަރަގު ފަދަ ދަތި މައްސަލަތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަލިއަޅުވާލުމެވެ. މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަކީ މުޖުތަމަޢުގެ ބަދަހިކަމާއި އެއްބައިވަންތަކަމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. މަސައްކަތްތެރިންނާ މެދު އިންސާފުން ކަންތައް ކުރެވި، އެމީހުންގެ ޙައްޤުތަކަށް އިޙްތިރާމް ކުރެވޭ ނަމަ، އެއީ މުޖުތަމަޢުގެ ތެރޭގައި އެކުވެރިކަން އިތުރުވެ، ހުރިހާ މެންބަރުންގެ މެދުގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އުފެދިގެންދާނެ ސަބަބެކެވެ.

ތާރީޚީ ފެށުން

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ އަސްލު ގުޅިފައިވަނީ 19 ވަނަ ގަރުނުގެ ފަހުކޮޅު ގެނެވުނު ސިނާޢީ އިންގިލާބުގެ ދުވަސްވަރާއެވެ. އދ. އިން ހާމަކުރާ ގޮތުގައި، 21 އެޕްރީލް 1856 ގައި އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ މަސައްކަތްތެރިން ވަނީ ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރާ ގޮތަށް ހެދުމަށް ގޮވާލާ ބޮޑު ހަޅުތާލެއް ކޮށްފައެވެ. މިއީ އެމެރިކާގެ މަސައްކަތްތެރިންނަށް އެމީހުންގެ ފުރަތަމަ ހަޅުތާލު ކުރުމަށް ލިބުނު ބޮޑު ހިތްވަރަކަށް ވިއެވެ.

މެއި މަހުގެ 1 ވަނަ ދުވަސް ޚާއްޞަކުރެވުނީ 1886 ވަނަ އަހަރު އެމެރިކާގެ ޗިކާގޯގައި ހިނގި "ހޭމާކެޓް އެފެއާ" ގެ ހަނދާންތައް އާކުރުމުގެ ގޮތުންނެވެ. އެ އަހަރު، ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުމަށް ގޮވާލާ ކުރިއަށްދިޔަ ޢާންމު ހަޅުތާލަކީ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށާއި މަސައްކަތްތެރިންގެ މެދުގައި ނަފްސާނީ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު ތާރީޚީ މުހިންމު ފިޔަވަޅެކެވެ.

ދުވަހުގެ މުހިންމުކަމާއި ފާހަގަކުރުން

ތާރީޚީ ހަޅުތާލުތަކުން ފެށިގެން، މަސައްކަތްތެރިންގެ ޙައްޤުތަކަށް ވަކާލާތު ކުރުމަށް މިހާރު ކުރެވޭ މަސައްކަތްތަކާ ހަމައަށް، މި ދުވަހަކީ މަސައްކަތުގެ މާހައުލުގައި އިންސާނީ ކަރާމާތާއި ހަމަހަމަކަން ހޯދުމަށް ކުރަމުންދާ މެދުނުކެނޑޭ މަސައްކަތް ހަނދާންކޮށްދޭ ދުވަހެކެވެ. ތަފާތުތަކަށް އިޙްތިރާމްކުރުމާއި އެންމެން ބައިވެރިކުރުމުގެ އުޞޫލުތަކަށް ބާރުއަޅައި، މި ދުވަހުން އިންސާނިއްޔަތުކަން މަތިވެރިކޮށްދެއެވެ. އަދި ކޮންމެ މަސައްކަތްތެރިއަކީވެސް އަގުވަޒަންކުރެވެންޖެހޭ އަދި ރައްކާތެރިކަން ލިބެންޖެހޭ މީހެއްކަމުގެ ޤަބޫލުކުރުން މި ދުވަހުން ވަރުގަދަކޮށްދެއެވެ.

މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މަސައްކަތްތެރިންގެ ދުވަހަކީ ޤައުމީ ބަންދު ދުވަހެކެވެ. މިގޮތުން ދެކުނު އެފްރިކާ، ޓިއުނީޝިއާ، ޓެންޒޭނިއާ، ޒިމްބާބުވޭ އަދި ޗައިނާ ފަދަ ގައުމުތައް ފާހަގަކޮށްލެވެއެވެ. މި ދުވަހު މަސައްކަތްތެރިންގެ ކާމިޔާބީތައް ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކާއި، ސެމިނާރުތަކާއި، އަދި ހޭލުންތެރިކަން އިތުރުކުރުމަށް ހިނގާލުންތައް ބާއްވައެވެ.

ދިވެހިރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް

ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށީ 2011 ވަނަ އަހަރުއެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މެއި މަހުގެ 1 ވަނަ ދުވަހަކީ ރާއްޖޭގައި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

ނިންމާލަމުން ދަންނަވާނީ، މަސައްކަތުގެ މާހައުލުގައި އިންސާނިއްޔަތުކަން އިސްކޮށް، އެކަކު އަނެކަކަށް އިޙްތިރާމްކުރުމަކީ ހަމައެކަނި ވަކި ދުވަހަކު ކުރަންޖެހޭ ކަމެއް ނޫން ކަމެވެ. އެއީ މުޖުތަމަޢުގެ ކުރިއެރުމަށާއި، އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށްޓަކައި އަބަދުމެ ދަމަހައްޓަންޖެހޭ މުހިންމު ސިފައެކެވެ.

އިންސާނުންނަކީ ފަރުދީގޮތުންނާއި ޖަމާއީގޮތުން އެކަކު އަނެކަކަށް ބަރޯސާވެގެން ދިރިއުޅޭ ބައެކެވެ. މުޖުތަމައެއްގެ ހަމަޖެހުމާއި ކުރިއެރުން ބިނާވެފައިވަނީ އެ މުޖުތަމައެއްގައި ދިރިއުޅޭ މީހުންގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށެވެ. ނަމަވެސް، ހިތާމައަކީ މިއަދުގެ ދިވެހި މުޖުތަމައަށް ބަލާއިރު، މަސައްކަތުގެ މާހައުލުގައްޔާއި އާންމު އިޖުތިމާއީ ދިރިއުޅުމުގައި ފުރައްސާރަ ކުރުމާއި ބުލީ ކުރުމުގެ ނޭދެވޭ އާދަ ވަނީ ވަރަށް ބޮޑަށް އަށަގަނެފައެވެ. މިއީ އަޅުގަނޑުމެން ކޮންމެހެންވެސް ދޫކޮށްލަން ޖެހިފައިވާ، މުޖުތަމައު ބައިބައިކޮށްލާ ނުރައްކާތެރި ވަބާއެކެވެ.

މަސައްކަތުގެ މާހައުލުގައި ހިންގާ ފުރައްސާރައިގެ އަމަލުތަކުގެ ސަބަބުން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރެއެވެ. މީގެ ސަބަބުން މަސައްކަތަށް ދޭ ސަމާލުކަން ކުޑަވެ، އުފެއްދުންތެރިކަން ދަށްވެ، މުޅި މުއައްސަސާގެ ކުރިއެރުމަށް ހުރަސްއެޅެއެވެ. ހަމައެހެންމެ، މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ދަށްކޮށްލުމަކީ އިންސާނީ ކަރާމާތަށް އަރައިގަނެވޭ ކަމެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މީހުންގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި ލޯބި ނެތިގޮސް، ބަދަލުހިފުމުގެ ރޫހު އާލާވެގެންދެއެވެ.

މާތްވެތި އިސްލާމްދީނަކީ އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށާއި، ރީތި އަޚުލާގު ގާއިމުކުރުމަށް އެންމެ ބޮޑަށް ބާރުއަޅާ ދީނެވެ.  މީހުންނަށް ފުރައްސާރަކުރުމާއި، ހަނގާކުރުމަކީ އިސްލާމީ ރީތި އުސޫލުތަކާ މުޅިން ޚިލާފު، ފާފަވެރި ކަންކަމެވެ. މާތްﷲ ކީރިތި ޤުރުއާނުގައި އެކަކު އަނެކަކަށް ފުރައްސާރަ ނުކުރުމަށް އަމުރުކުރައްވާފައިވެއެވެ. އެހެންކަމުން، އެކަކު އަނެކަކަށް އޯގާތެރިވުމާއި، އިހުތިރާމުކުރުމަކީ ހަމައެކަނި އިޖުތިމާއީ ސިފައެއް ނޫނެވެ. އެއީ ދީނީގޮތުންވެސް އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.

އަޅުގަނޑުމެންގެ މުޖުތަމައު އަމާން، އުފާވެރި ތަނަކަށް ހެދުމަށްޓަކައި، ފުރައްސާރަ ކުރުމުގެ ސަގާފަތް ބަދަލުކޮށް އެކަކު އަނެކަކަށް އިހުތިރާމާއި ލޯބިދޭ ބަޔަކަށް ވާން އެބަޖެހެއެވެ. މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކަށް އެހީތެރިވެ، ހިތްވަރުދޭ ބަޔަކަށް ވުމުން، އެންމެންނަށްވެސް ހިތްހަމަޖެހުމާއެކު މަސައްކަތް ކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ. ކުޑަކުދިންނަށް އޯގާތެރިވުމާއި، ބޮޑެތި މީހުންނަށް ގަދަރުކުރުމަކީ އަޅުގަނޑުމެންގެ ކޮންމެ ފަރުދެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެކެވެ.

ފުރައްސާރަ ކުރުމާއި ބުލީ ކުރުމަކީ ތަހުޒީބު މުޖުތަމައެއްގައި އޮވެގެންވާނެ ސިފަތަކެއް ނޫނެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވީހިނދު، އަޅުގަނޑުމެންގެ އަމަލުތައް ބައްޓަންކުރަންވާނީ އިސްލާމީ ރީތި އަޚުލާގުގެ މަތީގައެވެ. އެކަކު އަނެކަކަށް އިހުތިރާމުކޮށް، އޯގާތެރިކަން އިސްކުރުމުން ނޫނީ ބާއްޖަވެރި މުސްތަގުބަލެއް ބިނައެއް ނުކުރެވޭނެއެވެ. އެހެންކަމުން، މިއަދުން މިއަދަށް އަޅުގަނޑުމެން މި ނޭދެވޭ އާދަތަކާ ދުރަށްޖެހި، އަޚުވަންތަކަމާއި ލޯބި އާލާކުރާ ބަޔަކަށް ވަމާ ހިނގާށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450