Ads by Farudhun

ޚަބަރު

މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ބޭނުންވާ ރަށްތަކަށް އެ ފުރުޞަތު ހުޅުވާލައިފި

މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ބޭނުންވާ ރަށްތަކަށް އެ ފުރުޞަތު ހުޅުވާލައިފި

މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުން/ފޮޓޯ: ވުޒާރާ

02 މޭ 2026، 06:42

މިއަހަރުގެ  މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މި ސަރުކާރުން މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަޤްޞަދުގައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދޭ ފޯމު 31 މެއި 2026 ވާ އާދިއްތަ ދުވަހުގެ 12:00 ކުރިން، ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށެވެ. ހަމަ އެހެންމެ، މަސްވެރިންގެ ދުވަހުގެ ރަސްމީ، އިޙްތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ އެ ވުޒާރާއަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

މިދިޔަ 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ރ. ދުވާފަރުގައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މަސްވެރިންގެ ފޯރަމްއާއި، މުޅި ރ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަސް ރޭހަކާއި، ކުޑަކުދިންނަށް ޚާއްޞަކޮށް ބާއްވާ ކުޑަކުދިންގެ ހަވީރާއި، މަސްކެނޑުމުގެ މުބާރާތެއް ވެސް ބާއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޙަރަކާތްތައް ބައްލަވާލެއްވުމަށާއި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސަޖިދާ މުޙައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450