Ads by Farudhun

ޚަބަރު

މިއަދަކީ ނޫސްވެރިންގެ އަޚްލާޤީ މިންގަނޑުތަކާމެދު ފިކުރު ހިންގާލަންވީ ދުވަހެއް: މެޑަމް ސާޖިދާ

މިއަދަކީ ނޫސްވެރިންގެ އަޚްލާޤީ މިންގަނޑުތަކާމެދު ފިކުރު ހިންގާލަންވީ ދުވަހެއް: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު/ފޮޓޯ: ރައީސް އޮފީސް

03 މޭ 2026، 10:20

މިއަދަކީ ނޫސްވެރިންގެ އަޚްލާޤީ މިންގަނޑުތަކާމެދު ފިކުރު ހިންގާލަންވީ ދުވަހެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ނޫސްވެރިންނަށް ތަޙުނިޔާ ފޮނުއްވަމުންނެވެ.

މިކަމާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގައްޔާއި، ކޮރަޕްޝަން ހުއްޓުވުމުގައްޔާއި، އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ހަރުދަނާ ދިމިޤްރާޠީ އުޞޫލުތައް ދެމެހެއްޓުމުގައި މިނިވަން ނޫސްވެރިކަމުގެ ދައުރުގެ މުހިންމުކަން އަޅުގަނޑުމެން އެންމެންނަށް ހަނދާންކޮށްދޭ ކަމަށެވެ.

ހަމަ އެހެންމެ، މިއަދަކީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޚްލާޤީ މިންގަނޑުތަކާމެދު ފިކުރު ހިންގާލަންވީ ދުވަހެއްކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން، ޙަޤީޤަތް ހޯދުމާއި، މަޢުލޫމާތު ފެތުރުމުގައި ޞައްޙަކަން ކަށަވަރުކުރުމާއި، އަދި އިންޞާފުވެރިކަމާއި ވަކިފަރާތަކަށް ނުޖެހި މަސައްކަތްކުރުން ފަދަ، ނޫސްވެރިކަމުގެ އަސާސީ އުޞޫލުތަކަށް ބޯލަނބާ ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިވާނޭ މާޙައުލެއް ބިނާކުރަންޖެހޭކަމަށް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން، މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމާއި، އަދި ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާ އެންމެހައި ނޫސްވެރިންނަށް އެކަމަނާ ވަނީ ދުވަހުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާ 33 ވަނަ އަހަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450