Ads by Farudhun

ޚަބަރު

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްކޭމްގެ މައްސަލަތަކުގައި 6.9 މިލިއަން ރުފިޔާ ގެއްލިފައިވޭ: ފުލުހުން

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްކޭމްގެ މައްސަލަތަކުގައި 6.9 މިލިއަން ރުފިޔާ ގެއްލިފައިވޭ: ފުލުހުން

ސްކޭމް އެލަރޓް/ފޮޓޯ: ރާއްޖެ ޓައިމްސް

03 މޭ 2026، 10:54

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްކޭމްގެ މައްސަލަތަކުގައި 6.9 މިލިއަން ރުފިޔާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އެންޓި ސްކޭމް ސެންޓަރަަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް އެ ސެންޓަރުން ވަނީ ޢާންމުކޮށްފައެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ސްކޭމްގެ 796 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 344 މައްސަލައެއްގައި ގެއްލުނު ފައިސާ އަނބުރާ ވަނީ ހޯދާފައެވެ. އަދި 129 މައްސަލައިގައި ގެއްލުނު ފައިސާގެ ތެރެއިން ބައެއް ވަނީ ހޯދާފައެވެ. މީގެ އިތުރުން، އެ މައްސަލަތަކުގައި 6،933،716 ރުފިޔާ ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވާއިރު، މީގެތެރެއިން 2،516،407.36 ރުފިޔާ އަނބުރާ ވަނީ ހޯދާފައެވެ.

މި މުއްދަތުގައި ފުލުހުންނަށް ރިޕޯޓުކުރި ސްކޭމްގެ ބާވަތްތައް: 

  • އީ-ކޮމާސް: 448 މައްސަލަ
  • ފައިސާ މާރުކުރުމުގެ މައްސަލަތައް: 120 މައްސަލަ
  • ފިޝިން، ވިޝިން އަދި ޖޮބް ސްކޭމް: 9 މައްސަލަ
  • އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި: 142 މައްސަލަ
  • އެހެނިހެން: 77 މައްސަލަ

ސްކޭމް ކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި ފޯންކޯލް އާއި އައި-ބޭ، އޮންލައިން މެސެޖިން ޕްލެޓްފޯމްތައް އަދި ފިޝިންގ ލިންކްގެ އިތުރުން ފޭސްބުކް މާކެޓްޕްލޭސް ހިމެނެއެވެ. މިފަދަ މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އަބަދުވެސް ޞައްޙަ މަޢުލޫމާތު ހޯދުމާއި ޒާތީ މަޢުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމާއި އެޕްލިކޭޝަންތަކުގެ ޓޫ-ފެކްޓަރ އޮތެންޓިކޭޝަން އަންނަ ގޮތަށް ހެދުމަކީ ކުރެވިދާނެ ކަންތައްތަކެވެ.

ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެންޓަރުތަކަށް ވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެއެވެ.

މިގޮތަށް ހިންގާ ސްކޭމެއްގެ ޝިކާރައަކަށްވެއްޖެނަމަ އެންމެހައި މުޢާމަލާތުގެ ތަފްޞީލާއެކު ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ ނަޞޭޙަތްތެރިވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450