ޚަބަރު
މާފުށީ ޖަލަށް 17 ފޯނު ހިމެނޭހެން ގިނަ ޢަދަދެއްގެ ސާމާނު އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
މާފުށީ ޖަލަށް 17 ފޯނު ހިމެނޭހެން ގިނަ ޢަދަދެއްގެ ސާމާނު އެތެރެކުރަން އުޅުނު މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން މިމަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު (28އ) އެވެ.
މިކަމުގެ އިތުރު މަޢުލޫމާތު ހިއްސާކުރައްވަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައިވަނީ ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ. އެގޮތުން، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 17 ސްމާޓް ފޯނާއި، 35 ޗާޖިންގ ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، 4 ކައްޓާއާއި، ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޝަހީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.