ޚަބަރު
އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
އުސްގެކޮޅު/ފޮޓޯ: އަވަސް އެމްވީ
ސަލްޓަން ޕާކުގައި ހުރި އުސްގެކޮޅު 'އިންޓަރެކްޓިވް އިމާސިވް މިއުޒިއަމް' އެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިދިޔަ ހަފްތާގެ ތެރޭގައި ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވާކަން ހިއްސާކުރައްވާފައި ވަނީ، ފަންނާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިއަދު ހެނދުނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ، ސަލްޓަން ޕާކުގައި ހުރި އުސްގެކޮޅާއި އުސްގެކޮޅު ސަރަޙައްދު އިންޓަރެކްޓިވް އިމާސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިދިޔަ ހަފްތާގެ ތެރޭގައި ފަށާފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި މަސައްކަތް ކުރިއަށްދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްގެންކަމަށް ވަޒީރު ހީނާ މަޢުލޫމާތުދެއްވިއެވެ.
އުސްގެކޮޅު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ދިވެހި ތަރިކަ އިޔާދަކޮށް، އެ ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްޞަ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ނިންމާ، މި އަހަރުގެ ތެރޭގައި އެތަން ހުޅުވާނެކަމަށް 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށްޓަކައި ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ތަރިކައިގެ ދާއިރާ ތަރައްޤީކުރުމަކީ މި ސަރުކާރުން ނުހަނު އިސްކަމެއްދޭ ކަމަކަށްވީއިރު، އުސްގެކޮޅަކީ ދިވެހި ރަސްކަމުގެ 800 އަހަރުވީ ގަނޑުވަރެއްކަން ފާހަގަކޮށްލެވެއެވެ.