ޚަބަރު
ޙައްޖުވެރިންގެ އޮފީހުގެ ވެރިއަކަށް ޝައިޚް އިމްތިޠާއު، އިސް ޝައިޚަކަށް ޑރ އިލްޔާސް އައްޔަނުކޮށްފި
ޝައިޚް އިލްޔާސް އަދި ޝައިޚް އިމްތިޠާއު.
1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާނެ ބައެއް ފަރާތްތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އިއުލާން ކޮށްފިއެވެ.
އެގޮތުން މައްކާގައި ގާއިމުކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިއަކަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސް އެވެ.
މީގެ އިތުރުން މިއަހަރުގެ ޙައްޖުވެރިންގެ އިސް ޝައިޚަކަށް ވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ހަމަމިއާއެކު 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެއް ދެވޭތޯ ޔަޤީން ކުރުމަށް ނަސޭޙަތްތެރިވެލައްވާފައެވެ. ވަޒީރު އިތުރަށް އިލްތިމާސް ކުރެއްވީ "ދިވެހި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ޙައްލު ހޯދެއްވުމަށް މަސައްކަތް ކުރެއްވުމަށާއި ޙައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް" ކަމަށެވެ.
ޙައްޖުވެރިން ފުރުމުގެ ތަރުތީބު
މިއަހަރުގެ ޙައްޖުވެރިން މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އާއި ސައުދީ އެއަރލައިންގެ ފްލައިޓްތަކުގައި ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ. ޙައްޖުވެރިން މައްކާގައި ޖުމްލަ 21 ދުވަސް ހޭދަކުރާނެއެވެ. ޝެޑިއުލްގައިވާ ގޮތުން ފުރަތަމަ ގުރޫޕް ފުރާނީ މެއި 15 ގައެވެ. އަދި ދެވަނަ ގުރޫޕް މެއި 17 ގައި، ތިންވަނަ ގުރޫޕް މެއި 18 ގައި، އަދި ހަތަރުވަނަ ގުރޫޕް މެއި 19 ގައި ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 26 ވަނަ ދުވަހެވެ. ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 5 އިން 9 އާ ދެމެދުގެ ތާރީޚުތަކުގައެވެ.