ދުނިޔެ
ހައްޔަރުކުރި ފްލޮޓިލާ އެކްޓިވިސްޓުންނަށް އަނިޔާކުރަމުންދާކަން ހާމަވެއްޖެ
ސައިފް އަބޫކޭޝެކް އަދި ތިއާގޯ އަވީލާ. ފޮޓޯ: އަލް ޤުދުސް ނެޓްވޯކް
ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ހުއްޓުވައި އިސްރާއިލު ސިފައިން ހައްޔަރުކުރި ދެ އެކްޓިވިސްޓުންނަށް ޖަލުގައި އަނިޔާކޮށް، ބަލިވުމުން ބޭސްފަރުވާ ނުދީ އިހުމާލުވަމުންދާކަން އައު ހެކިތަކުން ހާމަވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ގްލޯބަލް ސުމޫދު ފްލޮޓިލާ ގްރޫޕުން ނެރުނު ބަޔާނެއްގައެވެ.
އެ ގްރޫޕުން ބުނި ގޮތުގައި އިސްރާއިލު ސިފައިން މި ދެ އެކްޓިވިސްޓުން ހައްޔަރުކުރީ ކްރީޓް ކައިރިންނެވެ. އޭގެ ފަހުން އެމީހުން ވަނީ އިސްރާއިލުން ހިފާފައިވާ ފަލަސްޠީނުގެ އަސްގަލާންގައި ހުންނަ ޝިކްމާ ޖަލަށް ބަދަލުކޮށްފައެވެ. ހައްޔަރުކޮށްފައިވާ ސައިފް އަބޫކޭޝެކް އަދި ތިއާގޯ އަވީލާގެ މައްޗަށް މިހާތަނަށް އެއްވެސް ރަސްމީ ދައުވާއެއް އުފުލާފައެއް ނުވެއެވެ.
ބްރެޒިލްގެ އޮފިޝަލުން ވަނީ އަވީލާއަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރިކަން ކަށަވަރުކޮށްދީފައެވެ. ބްރެޒިލް އެމްބަސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާއާ ބައްދަލުކުރިއިރު ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެންނަން ހުއްޓެވެ. ޑިޕްލޮމެޓުން ބުނި ގޮތުގައި އޭނާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށް ތަޅައި، ހަށިގަނޑުގެ އެކި ތަންތަނަށް، ހާއްސަކޮށް ކޮނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ބައްދަލުވުން ކުރިއަށްދިޔައީ ބިއްލޫރި ފާރެއްގެ ބޭރުން ކަމަށްވާތީ، މިނިވަންކަމާއެކު ވާހަކަދެއްކުމުގެ ފުރުސަތު އޭނާއަށް ލިބިފައެއް ނުވެއެވެ.
އަވީލާގެ ޞިއްޙީ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުން ބްރެޒިލް އެމްބަސީން ބުނީ، ޑޮކްޓަރަކު އޭނާ ބެލި ނަމަވެސް އެކަށީގެންވާ ފަރުވާއެއް ދީފައިނުވާ ކަމަށެވެ. ބްރެޒިލުން ވަނީ އޭނާއަށް ވަގުތުން ބޭސްފަރުވާގެ ފުރުސަތު ދިނުމަށާއި، އޭނާ ހައްޔަރުކޮށްފައި ބެހެއްޓި ގާނޫނީ ސަބަބު ސާފުކޮށްދިނުމަށް ގޮވާލާފައެވެ. އަވީލާ މިހާރު ހުރީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައެވެ.
ސައިފް އަބޫކޭޝެކް ވެސް ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފަށާފައެވެ. ފްލޮޓިލާ ގްރޫޕުން ބުނާ ގޮތުގައި، ޖަލަށް ބަދަލުކުރުމުގެ ކުރިން އިސްރާއިލުގެ އަސްކަރީ މަނަވަރުގައި އޭނާ ބެހެއްޓިއިރު ވެސް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. މި ދެމީހުންނަކީ ފްލޮޓިލާ ހުއްޓުވުމަށްފަހު ދޫކޮށްނުލައި ހައްޔަރުކޮށްފައިވާ ހަމައެކަނި ދެ އެކްޓިވިސްޓުންނެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާއިން ވަނީ ސްޕެއިން، ސްވިޑަން އަދި ބްރެޒިލްގެ ސަރުކާރުތަކުން އިސްނަގައިގެން އެ ޤައުމުތަކުގެ ރައްޔިތުން މިނިވަންކުރުމަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ. އަދި ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މިކަމުގެ ތެރެއަށް ވަގުތުން ވަނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.