ވިޔަފާރި
ފައިނޭންޝިއަލް ސެކްޓަރއަށް ޚާއްޞަ އެކްސްޕޯއެއް އަންނަ ޖުލައި މަހު ބާއްވަނީ
އެމްއެމްއޭ / ފޮތޯ: ހުރިހާ
ފަރުދުން
05 މޭ 2026، 10:12
05 މޭ 2026، 10:12
ދިވެހިރާއްޖޭގެ ފައިނޭންޝިއަލް ސެކްޓަރއަށް ޚާއްޞަ އެކްސްޕޯއެއް އަންނަ ޖުލައި މަހު ބޭއްވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
މި އެކްސްޕޯއާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްއެމްއޭއިން ބުނީ، މި އެކްސްޕޯގެ މަޤުސަދަކީ މާލީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް އެހީތެރިވެދިނުމާއި، ރާއްޖޭގައި މާލީ ޚިދުމަތްތައްދޭ ހުރިހާ ތަނެއް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، މަޢުލޫމާތު ލިބިގަތުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
އަންނަ ޖުލައި މަހުގެ 2-4އަށް ކުރިޔަށްގެންދާ މި އެކްސްޕޯގައި މާލީ އިދާރާތަކުން އާ ޚިދުމަތްތަކާއި ޕްރޮގްރާމުތައް ތައާރަފް ކުރުމަށް ރާވާފައިވާ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެމްއެމްއޭއިން ވަނީ ފައިނޭންޝިއަލް އެކްސްޕޯއެއް ބާއްވާފައެވެ. އެއީ 2015 ވަނަ އަހަރާއި 2017 ވަނަ އަހަރެވެ. އެ ދެ ފަހަރު ވެސް މި އެކްސްޕޯއަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.