Ads by Farudhun

ޚަބަރު

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އަހަރީ ބައްދަލުވުން ރާއްޖޭގައި ފަށައިފި

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އަހަރީ ބައްދަލުވުން ރާއްޖޭގައި ފަށައިފި

ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ

05 މޭ 2026، 11:30

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުން ދިވެހިރާއްޖޭގައި ފަށައިފިއެވެ.

މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ސިލްސިލާ މަޝްވަރާތައް ފަށަފައިވަނީ ކޮމްޕްލަޔަންސް ކޮމިޓީގެ ބައްދަލުވުމުންނެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަޙައްދާއި އެނޫންވެސް ސަރަޙައްދުތަކުގެ މެންބަރު ޤައުމުތަކާއި، އޮބްޒާވަރުން އަދި ކަމާ ގުޅުންހުރި އެކި ފަރާތްތައް ބައިވެރިވާ ފަންނީ އަދި ކޮމިޝަން ފެންވަރުގެ މަޝްވަރާތަކުގެ ފެށުންކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ކޮމްޕްލަޔަންސް ކޮމިޓީއަކީ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ހިމާޔަތްކުރުމާއި މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމުގައްޔާއި، މުރާޖައާކުރުމުގައާއި، ބަލަހައްޓައި ބެލެހެއްޓުމުގެ މޮނިޓަރިން ކޮންޓްރޯލް އަދި ސަވައިލަންސް ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، މި ސަރަޙައްދުގެ ކަނޑުމަހުގެ މަސްވެރިކަމުގައި ދެފުށް ފެންނަ، ޒިންމާދާރު އުޞޫލުތަކެއް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ކޮމިޓީއެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ އަހަރީ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ ހަމަ އެހެންމެ، މިއީ އައި.އޯ.ޓީ.ސީ ގެ އަހަރީ ޖަލްސާއެއް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

މިފަދަ މުހިންމު ފުރުޞަތެއް ރާއްޖެއަށް ލިބިގެން މި ދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިސްނަންގަވައިގެން މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުންނެވެ. އައި.އޯޓީ.ސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ރައީސް ނިންމެވީ މިކަމުގެ ސަބަބުން މަސްވެރި ސިނާއަތަށް މިކަމުން ކުރާނެ ފައިދާއާއި މިކަމުގެ މުހިންމު ކަމުންނެވެ. 

މިފަދަ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، ދާއިރާ ހިންގާ ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރާ އިސްދައުރު ހާމަކޮށްދޭ ކަމެކެވެ.

އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުޞޫލުތަކުގެ ދަށުން އެ ވަޞީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450