ޚަބަރު
ރަށްގިރުން ފަދަ ކަންކަން ޙައްލުކުރުމަށް ބޭރުގެ މާލީ އެހީ ހޯދުމަށް ގޮންޖެހުންތަކެއް
ރަށްގިރުން/ފޮޓޯ: ޕީއެސްއެމް
ރާއްޖެއަށް ކުރިމަތިވެފައިވާ ރަށްގިރުން ފަދަ ބޮޑެތި ކަންކަން ޙައްލުކުރުމަށް ބޭރުގެ މާލީ އެހީ ހޯދުމަށް ގޮންޖެހުންތަކެއް ހުރިކަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މިކަން ހާމަކޮށްފައި ވަނީ، އެ ވުޒާރާގެ ދަށުން ހިންގަމުންދާ އިދާރާތަކުގެ މަސައްކަތްތައް ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ކުދި ޤައުމުތަކުން ބަދަލު ހޯދުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަން ފާހަގަކުރައްވަމުން ނޫސްވެރިއަކު ވަނީ، ކްލައިމެޓް އެޑެޕްޓޭޝަނަށް ފަންޑިންގ ހޯދައިގެން ރައްޔިތުންނަށް ސީދާ ފައިދާވާގޮތަށް ކުރެވެމުންދާ މަސައްކަތްތަކާއި، އިތުރަށް ފަންޑިންގ ހޯދުމަށް އެ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރައްވާފަ އެވެ.
މި ސުވާލަށް ވުޒާރާގެ ފަރާތުން ޖަވާބު ދެއްވަމުން އެ ވުޒާރާގެ ޓެކްނިކަލް ޓީމުގައި މަސައްކަތްކުރައްވާ އަމްޖަދު ވިދާޅުވީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމަކީ ދިވެހިރާއްޖެއަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން، ބައިނަލްއަޤްވާމީ މަޝްރަހުގައި ރާއްޖެއިން އިސްނަގައި ވަކާލާތުކޮށްގެން މިކަންކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާކަން އަމްޖަދު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މުއާހަދާގެ ތެރެއިން މިއަހަރު މުހިންމު މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އަމްޖަދު ވަނީ ވިދާޅުވެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މުއާހަދާގެ ހަވާސާގެ ތެރެއިން އަޅުގަނޑުމެން ކުދި ޤައުމުތަކުން، ޚާއްޞަކޮށް ދިވެހިރާއްޖެއިން އިސްނަގައިގެން މިކަމަށް ކޮންކޮން ކަންތައްތަކެއްތޯ ކުރެވޭނީ ބަލާނަން. މިއީ އަޅުގަނޑުމެން އަބަދުވެސް ކުރަމުންދާ މަސައްކަތްތަކެއް.
އަމްޖަދު ވިދާޅުވިއެވެ.
މީގެ އިތުރުން އަމްޖަދު ވިދާޅުވީ، އެ ވުޒާރާއިން މިހާރު އުފައްދާފައިވާ 'ލޮސް އެންޑް ޑެމޭޖް ފަންޑް' އިން ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައވާ ބޮޑެތި މައްސަލަތަކަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން، ރަށްގިރުން ފަދަ ބޮޑެތި މައްސަލަތަކަށް ފައިސާ ހޯދުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނައިރު، ބޭރުގެ އެހީ ހޯދުމަށް ފުދޭވަރެއްގެ ގޮންޖެހުންތަކެއް ހުންނަކަން އަމްޖަދު ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ، ދިވެހިރާއްޖެއަކީ މިޑްލް-އިންކަމް ޤައުމަކަށްވުމާއެކު، ކޮންމެ މަސައްކަތެއް ކުރުމުގައި ވެސް އުނދަގޫތައް ހުރިކަމަށް އަމްޖަދު ވިދާޅުވިއެވެ. ނަމަވެސް، މި ކަންކަމަށް އެކުލަވާލާފައިވާ ފަންޑާއި، ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ދިވެހިރާއްޖެއަށް މިހާރު އެންމެ އަވަސް ޙައްލެއް ބޭނުންވާ ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކަށް އިސްކަންދީގެން ފައިސާގެ އެހީ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް އަމްޖަދު ވަނީ ވިދާޅުވެފައެވެ.
އެގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަން އަމްޖަދު ފާހަގަކުރެއްވިއެވެ.