ޚަބަރު
މާލޭގެ 7 ތަނެއް ބަލައިފާސްކޮށް، 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
މާލޭގެ 7 ސަރަޙައްދުގައި ހިންގި އޮޕަރޭޝަނެއްގައި 3 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި ބިދޭސީން އަތުލައިގަނެފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މާލޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، ޓާސްކްފޯސްއިން މިމަހުގެ 5 ވަނަ ދުވަހުގެ ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނުގައި، މާލޭގެ 07 ތަނެއް ބަލައިފާސްކޮށް 15 ބިދޭސީއަކު ޗެކްކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
މާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، ޓާސްކްފޯސްއިން މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، މާލޭގެ 07 ތަނެއް ބަލައި ފާސްކޮށް 15 ބިދޭސީއަކު ވަނީ ޗެކްކޮށްފައި. މީގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު… pic.twitter.com/uDjETP0IBy
— Maldives Immigration (@ImmigrationMV) May 5, 2026
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާރު ވަނީ އެއްކޮށްފައެވެ. އަދި އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް މިމަހުގެ 2 ވަނަ ދުވަހާއި ހަމައަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ދީފައިވެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުޞަތު ދީފަވާއިރު މި މުއްދަތުގެ ފަހުން އިތުރު ފުރުޞަތެއް ނުދޭން ސަރުކާރުން ވަނީ ނިންމާފައެވެ.
ހަމަ އެހެންމެ، އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުޞަތަކާ ނުލާ ޑީޕޯޓު ކުރާނެކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.