ޚަބަރު
ޕީއެންސީގެ ޑެޕިއުޓީ އެސްޖީގެ މަޤާމަށް ލަމްޢާން އައްޔަނުކުރައްވައިފި
މުޙައްމަދު ލަމްޢާން/ފޮޓޯ: ދުވަސް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މުޙައްމަދު ލަމްޢާން ޢައްޔަނުކުރައްވައިފި އެވެ.
ޕީއެންސީން ވަނީ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ލަމްޢާން އައްޔަނުކުރެއްވުމާއި ގުޅިގެން، ކޮންގްރެސް ޕާޓީގެ ފަރާތުން މަރުޙަބާ ކިޔާފައެވެ.
ކޯޕަރޭޓް ގަވަރނަންސް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލީޑާޝިޕްގެ ދާއިރާއިން ވަރުގަދަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ލަމްޢާން ވަނީ ޔުނިވާސިޓީ އޮފް ކޮލަމްބޯއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޙާޞިލުކުރައްވައިފައެވެ. ހަމަ އެހެންމެ، މެނޭޖްމަންޓާއި ލީޑާޝިޕްގެ ދާއިރާއިން ގިނަ ފަންނީ ތަމްރީނު ޕްރޮގްރާމުތަކެއް ވެސް އޭނާ ވަނީ ފުރިހަމަކުރައްވައިފައެވެ.
ލަމްޢާން އަކީ ސަރުކާރު ޙިއްޞާވާ ކުންފުނިތައް ހިންގެވުމުގެ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ހިންގުންތެރިއެކެވެ. އެގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް ހިއުމަން ރިސޯސް އޮފިސަރު ކަމުގެ މަޤާމާއި ޗީފް ޕްރޮކިއުމަންޓް އޮފިސަރު ކަމުގެ މަޤާމު ވެސް ލަމްޢާން ވަނީ ފުރުއްވައިފައެވެ.
ލަމްޢާން މިހާރު ހުންނެވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުގެ މަޤާމުގައެވެ.