ޚަބަރު
ސަގާފީ ތަރިކަތައް ނިޒާމީ ގޮތެއްގައި ރައްކާތެރިކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ: ވަޒީރު ހީނާ
ވަޒީރު ހީނާ ވަލީދު/ފޮޓޯ: ވުޒާރާ
ދިވެހިރާއްޖޭގެ މާއްދީ ނޫން ސަގާފީ ތަރިކަތައް ނިޒާމީ ގޮތެއްގައި ރައްކާތެރިކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނެސްކޯ ރީޖަނަލް އޮފީސް ފޮރ ސައުތް އޭޝިއާ ގުޅިގެން އިއްޔެ ފެށި މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ މާއްދީ ނޫން ސަގާފީ ތަރިކައިގެ ގޮތުން މުއްސަނދި އަދި ތަފާތު ސިފަތަކެއް ލިބިގެންވާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ބޮޑުބެރު ޖެހުމާއި، ދޯނިފަހަރު ބަނުމުގެ ސަގާފީ މަސައްކަތާއި، ލިޔުންތެރިކަމުގެ ފަންނުގެ އިތުރުން، ރަށްފުށުގެ މުޖުތަމަޢުތަކުގައި ހުރި ގަދީމީ ޢިލްމާއި ހުނަރުތައް ހިމެނޭކަމަށް ވިދާޅުވިއެވެ.
މިއީ ހަމައެކަނި އަޅުގަނޑުމެންގެ ޤައުމީ އައިޑެންޓިޓީގެ މައިގަނޑު އަސާސްތަކެއް ނޫން. މިއީ އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ވެސް އަގުހުރި ރައުސްމާލެއް.
ވަޒީރު ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ ޤައުމީ ތަރައްޤީގެ ޕްލޭންގެ ދަށުން މިފަދަ ތަރިކަތައް ރައްކާތެރިކުރުމަށް އިސްކަންދޭ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން ސަގާފީ ފަތުރުވެރިކަން ފުޅާވެ، ފަތުރުވެރިންނަށް ޙަޤީޤީ ދިވެހިވަންތަކަން އިހުސާސްކޮށްދިނުމަށް މަގުފަހިވާނެ ކަމަށާއި، ޒުވާނުންނަށް އާ ހުނަރުތަކާއި އުފެއްދުންތެރި ސިނާއަތްތަކުގެ ފުރުޞަތުތައް ފަހިވެ، މުޖުތަމަޢުގެ ބަދަހިކަން އިތުރުވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ހަމަ އެހެންމެ، މިފަދަ ފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށްޓަކައި، ޤާނޫނީ އޮނިގަނޑު ވަރުގަދަކުރުމާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ޔުނެސްކޯގެ 2003 ވަނަ އަހަރުގެ މުޢާހަދާއަކީ މިފަދަ މަސައްކަތްތަކަށް މަގުދައްކައިދޭ ބައިނަލްއަޤުވާމީ ފުރިހަމަ އޮނިގަނޑެއްކަމަށް ވިދާޅުވިއެވެ.
މި މުޢާހަދާގެ ސަބަބުން ތަރިކަ ދެނެގަނެ، ދަފުތަރުކޮށް، ރައްކާތެރިކުރުމަށް ބޭނުންވާ ޢަމަލީ ވަސީލަތްތައް ލިބިގެންދާނެކަމަށް ވެސް ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.