ޚަބަރު
ހުޅުމާލެ ދެވަނަ ފިޔަވަހިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދާ ކުއްޖާ/ފޮޓޯ: ފުލުހުން
ހުޅުމާލެ ދެވަނަ ފިޔަވަހިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ގެއްލިގެން ހޯދަމުންދަނީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، ޢާއިޝަތު އަލްޔާ ޢަލީ (15އ) އެވެ. ޢާއިލާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާ މިހާރު ދިރިއުޅެނީ ހިޔާ ޓަވަރު 16 ގައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ 2026 މެއި 05 ވަނަ ދުވަހުގެ ހަވީރު 16:15 އެހާކަންހާއިރު ކަމަށާއި، އެ ކުއްޖާ ގެއިން ނުކުތްއިރު ލައިގެން ހުރީ ހުދުކުލައިގެ ރޮނގުދެމި ކްރޮޕް ޓޮޕަކާއި، މަޑު ނޫކުލައިގެ ޖީންސެއްގެ އިތުރުން ކަޅުކުލައިގެ ޝޯލެއް ކަމަށް ޢާއިލާއިން މަޢުލޫމަތު ދީފައިވާ ކަމަށެވެ. އަދި އަލްޔާގެ ޚަބަރެއް ނުވެގެން ރޭ ދަންވަރުގެ ވަގުތެއްގައި ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
މި ރިޕޯޓް ލިބުމާއެކު، ފުލުހުންގެ ކަމާގުޅޭ ބަހާތަކަށް އެ މަޢުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން، ޢާއިޝަތު އަލްޔާ ޢަލީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި ޢާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.