Ads by Farudhun

ޚަބަރު

މަސްތުވާތަކެތީގެ ޚިދުމަތް ދޭ ތަނެއް ބަންދުކުރަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯޓު އަމުރެއް!

މަސްތުވާތަކެތީގެ ޚިދުމަތް ދޭ ތަނެއް ބަންދުކުރަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯޓު އަމުރެއް!

މަސްތުވާތަކެތި/ފޮޓޯ: ފުލުހުން

09 މޭ 2026، 07:46

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ތަނެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.

ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ކ. މާލެ / ހ. ގުންޒަރު ބަންދުކުރުމަށެވެ. އެ ތަން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ 2026 މެއި 5 އިން ފެށިގެން 90 ދުވަހަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް މިހާރު ލިބިފައިވާ ކަމަށެވެ. ހަމަ އެހެންމެ، އެގޮތަށް ބަަންދުކުރެވޭ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު އިޞްލާޙުކޮށް އަމަލުކުރަން ފެށީ 2026 މާރިޗު 7 ގައެވެ.

މި ޤާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ 5 އަހަރުގެ ޖަލު ހުކުމަކާއި ގިނަވެގެން 100،000 ރުފިޔާގެ ޖޫރިމަނާ ކަނޑައެޅިފައިވާ ކުށެކެވެ. އަދި މަސްތުވާތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަނެއްކަން އެނގޭ ހާލު އެކަން ހުއްދަކުރުން ނުވަތަ އެކަން ހިނގިޔަ ދިނުމަކީ އެތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ކުށްވެރިވާނެ ކަމެއްކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށް، އެ ފަރާތްތަކަށް ވެސް ހަރުކަށި އަދަބުތައް ވަނީ ކަނޑައަޅާފައެވެ.

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށަކަށްވާއިރު، މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450