Ads by Farudhun

ޚަބަރު

"ސިފަމާ ފަން ރަން 2026" ގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

"ސިފަމާ ފަން ރަން 2026" ގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

މި ޙަރަކާތުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

09 މޭ 2026، 10:34

ސިފައިންގެ ފެމިލީ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ "ސިފަމާ ފަން ރަން 2026" ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިއަދު ހަވީރު ބޭއްވި މިރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ ދެކަނބަލުންނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ދެކަނބަލުންނެވެ.

ސިފަމާ ފަން ރަން 2026 ގެ ޙަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު، އެކަމަނާ ވަނީ ދުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ސިފަމާގެ ފަރާތުން ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ އެކަމަނާއާ ޙަވާލުކޮށްދެއްވީ ސިފައިންގެ ފެމިލީ އެސޯސިއޭޝަންގެ ޗެއަރޕާރސަން ޚަދީޖާ ޒީނާ ރިފްޢަތުއެވެ.

ސިފައިންގެ ޢާއިލާ އާއި ޢާންމުން ހިމެނޭގޮތަށް ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވި މި ދުވުމަށް ފަހު، ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަހާއި ގުޅުވައިގެން ޚާއްޞަ ކޭކެއްވެސް ވަނީ ފަޅާފައެވެ.

މިއީ ސިފައިންގެ ފެމިލީ އެސޯސިއޭޝަންގެ ފަރާތުން މި ދުވުން ކުރިއަށް ގެންދިޔަ 2 ވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450