Ads by Farudhun

ޚަބަރު

ދުނިޔޭގެ ހުރިހާ ޤައުމުތަކުން ގުޅިގެން މޫސުމީ ބަދަލުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލައިފި

ދުނިޔޭގެ ހުރިހާ ޤައުމުތަކުން ގުޅިގެން މޫސުމީ ބަދަލުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލައިފި

ތުރުކީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ

09 މޭ 2026، 10:36

ދުނިޔޭގެ ހުރިހާ ޤައުމުތަކުން ގުޅިގެން މޫސުމީ ބަދަލުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ގޮވާލައްވައިފިއެވެ.

ތުރުކީގައި މެއި 8 އިން 9 އަށް ކުރިއަށް ދިޔަ  "ރޯޑް ޓު ކޮޕް 31: ރެޒިލިއަންޓް ސިޓީސް" ބައްދަލުވުމުގައި ވަޒީރު ޢަލީ ޝަރީފް ބައިވެރިވަޑައިގަންނަވައި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެ އަދި ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ދަތިތަކާއި، ބޭނުންވާ އެހީތެރިކަމާމެދު ވަކާލާތުކުރެއްވިއެވެ. 

މި ބައްދަލުވުމަކީ ކޮޕް 31 އަށް ތައްޔާރުވުމު ގެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން، ސިޓީތަކުގެ ވިލުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެކި ޤައުމުތަކުގެ ވަޒީރުންނާއި، ސަރުކާރުތަކުގެ އެހެނިހެން އިސް ވެރިންނާއި އަދި މި ދާއިރާގައި މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ފަރާތްތައް އެއްތަންވި ބައްދަލުވުމެކެވެ. ހަމަ އެހެންމެ، ކާރިސާތަކަށްފަހު އަލުން އާރާސްތުކުރުމުގައި ދެމެހެއްޓެނިވި ތަރައްޤީއަށް ރިއާޔަތްކޮށް، އެންމެންގެ ބައިވެރިވުން ހިމެނޭފަދަ ގޮތަކަށް އަދި ވިލުންތެރިކަން އިތުރުވާނެފަދަ ގޮތަކަށް ސިޓީތައް ބިނާކުރުމަށް ލިބޭ ފުރުޞަތުތަކުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، 'ފްރޮމް ދަ ޑިޒާސްޓަރ އޮފް ދަ ސެންޗަރީ ޓު ދަ ކޮންސްޓްރަކްޝަން އޮފް ސަސްޓެއިނަބަލް ސިޓީސް' ގެ ނަމުގައި ކުރިއަށް ދިޔަ ޚާއްޞަ ހައި ލެވެލް ސެޝަނުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރު ކުރުމުގެ މައްޗަށް ވަޒީރު ޢަލީ ޝަރީފް އަލިއަޅުއްވާލިއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރާއްޖޭގެ ތިންވަނަ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" އާއި، މިހާރު އެކުލަވާލުމުގެ މަރުޙަލާގައިވާ "ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން" އަކީ ރާއްޖޭގެ "ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓެޖީ (2024-2030)" އާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންކަންކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު، ޤައުމީ ތަރައްޤީގެ ދިގު މުއްދަތުގެ ޕްލޭންތަކުގައި ކާރިސީ ހިރާސް ކުޑަކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ބެހޭ މަސައްކަތްތައް ހިމެނުމުގެ މުހިންމުކަމުގެ މައްޗައް ބާރުއަޅުއްވައި ވަޒީރު ވާހަކަފުޅުދދެއްކެވިއެވެ. އަދި ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ސިޔާސަތުތަކުގައި ކާރިސީ ހިރާސް ކުޑަކުރުމާއި ބެހޭ ކަންކަން ހިމަނާފައިވާކަމަށާއި، މިކަންކަން ތަރުތީބުކުރެވިފައި ވަނީ އ.ދ.ގެ ސެކެޓްރީ ޖެނެރަލްގެ "އާރލީ ވޯނިންގސް ފޯ އޯލް އިނިޝިއޭޓިވް" އާއި އެއްގޮތަށް އެކުލަވާލެވިފައިވާ ޤައުމީ މަގު ޗާޓައި އެއްގޮތަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިވެހިރާއްޖެއިން އިސްކަންދޭ ކަންކަމުގައި ވަކާލާތުކުރުމާއި، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހި ކުރުމުގެ އިތުރުން ކުރިއަށް އޮތް ކޮޕް31 ގެ ރިޔާސަތު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ފަރާތާއި ބައްދަލުކޮށް، މަޝްވަރާކުރުމުގެ ފުރުޞަތުވެސް ރާއްޖެއަށް ލިބިގެންދިޔައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450