Ads by Farudhun

ޚަބަރު

ޤައުމީ މަސްލަޙަތަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

ޤައުމީ މަސްލަޙަތަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

ޚާރިޖީ ވުޒާރާ/ފޮޓޯ: ވަގުތު

10 މޭ 2026، 10:27

ޤައުމީ މަސްލަޙަތާއި ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު، ނުހަނު ބޮޑަށް ސަމާލުވެ، ޙިކުމަތްތެރިކަން އިސްކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރައްވައިފި އެވެ.

އެ ވުޒާރާއިން މި އިލްތިމާސްކުރެއްވީ، މޮރިޝަސް އާއި ރާއްޖޭގެ ގުޅުންތަކާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި މަޝްވަރާކުރުމަށް މޮރިޝަސް އިން ތައްޔާރަށް އޮތްކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އެ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވި، ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތު ރައްކާތެރިކުރުމާއި، ޤައުމީ މަސްލަޙަތު އިސްކުރުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ މައްޗަށް ބިނާވެފައިވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތަކީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ކަމަށެވެ. އަދި މި ސިޔާސަތަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙުތިރާމްކުރާ، ޒިންމާދާރު އަދި މިނިވަން ސިޔާސަތެއް ކަމަށާއި،  ދޭދޭ  ޤައުމުތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ބިނާކުރަނިވި ގުޅުމެއް ބޭއްވުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު މި ސިޔާސަތުން ހާމަކޮށްދޭ ކަމަށެވެ.

ހަމަ އެހެންމެ، މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް ކުރިއަށް ގެންދަނީ ޤައުމީ މަސްލަޙަތުގެ މައްޗަށް ބިނާވެފައިވާ، ކަނޑައެޅިފައިވާ ނިޒާމުތަކުގެ ތެރެއިން ކަމަށާއި، ރާއްޖޭގެ ތަރައްޤީގެ ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށާއި، އެކަކު އަނެކަކަށް ކުރާ އިޙުތިރާމާއި ދެފަރާތުގެ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް، ހުރިހާ ޤައުމުތަކާއެކު ބޭއްވުމަށް ދިވެހިރާއްޖެއިން ނުހަނު ބޮޑު އިސްކަމެއް ދޭކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ. 

ސަރަޙައްދީ ޞުލްޙަ މަސަލަސްކަމާއި، ކަނޑުގެ ސަލާމަތާއި، ދެމެހެއްޓެނިވި ތަރައްޤީ ފަދަ ކަންކަމުގައި، ޤައުމުތަކާއި ޖަމްޢިއްޔާތަކާއެކު އޮންނަ އެއްބާރުލުން ހަމަހަމަ އަދި ބިނާކުރަނިވި ގޮތެއްގައި ވަރުގަދަކުރުމަށް ސަރުކާރުން ދެމިއޮންނާނެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، ޚާރިޖީ ސިޔާސަތާއި، ސަރަޙައްދީ ސަލާމަތާއި، ބައިނަލްއަޤުވާމީ ގުޅުންތަކާ ގުޅޭގޮތުން، ޚާއްޞަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ޚިޔާލުތަކަކީ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަންކަން ކަމަށާއި، މިފަދަ ވާހަކަތަކަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ، ޤައުމީ އެއްބައިވަންތަކަމަށާއި ރާއްޖޭގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ބާރުއަޅާ ވާހަކަތަކަކަށް ވާންޖެހޭކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ޤައުމީ މަސްލަހަތާއި ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު، ނުހަނު ބޮޑަށް ސަމާލުވެ، ޙިކުމަތްތެރިކަން އިސްކުރުމުގެ މުހިންމުކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު، ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ސިޔާދަތާއި، ކަރާމާތާއި، ދިގު މުއްދަތުގެ މަސްލަހަތުތައް ރަމްޒުކޮށްދޭ ޚާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން އެ ވުޒާރާއިން ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450