ރިޕޯޓް
ބިދޭސީންގެ މައްސަލަ: ހުސް ވައުދުތަކުގެ ޒަމާން ނިމި، އަމަލީ ނަތީޖާ ފެންނަން ފަށައިފި
ބިދޭސީން -- ފޮޓޯ : ސަން އޮންލައިން
ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލައަކީ އިއްޔެއަކު މިއަދަކު އުފެދުނު މައްސަލައެއް ނޫނެވެ. މިއީ ދިވެހި ގައުމުގެ އިޖުތިމާއީ ފޭރާމާއި، އިގުތިސާދާއި، އަދި ގައުމީ ސަލާމަތަށް ނުރައްކާވާ މިންވަރަށް ބޮޑުވެފައިވާ، އެތަކެއް އަހަރުވީ ގަދީމީ މައްސަލައެކެވެ. ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ 30 އަހަރުގެ ދިގު ވެރިކަމުން ފެށިގެން، އައި ކޮންމެ ސަރުކާރަކުންވެސް މި މައްސަލަ ހައްލުކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، ފެނިގެންދިޔައީ މައްސަލަ އިތުރަށް ގޯސްވެ، ގައުމުގެ ކޮންޓްރޯލުން ނެއްޓިގެން ދިޔަ މަންޒަރެވެ.
މި މައްސަލައިގައި އެންމެ ބޮޑު އިހުމާލެއް ފެނިގެންދިޔައީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އައުމަށް ދިވެހިންނަށް ވެވަޑައިގަންނެވި އެންމެ ބޮޑު އެއް ވައުދަކީ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ. ނަމަވެސް، ފެނިގެންދިޔައީ އަމަލީ މަސައްކަތަށްވުރެ ބޮޑަށް ސިޔާސީ ސްޓަންޓްތަކެއް ޖެއްސެވި ތަނެވެ. އެގޮތުން އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުއްވިއެވެ. ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 50،000 އަށްވުރެ މަތީގައި ހުރި އިރު، އެމްޑީޕީގެ ފަސް އަހަރު ނިމިގެންދިޔައީ އެއްވެސް ނަތީޖާއެއް ނުނެރެވި، މިނިސްޓަރުގެ އިސްތިއުފާގެ ސިޓީވެސް ނުފެނި، މައްސަލަ އިތުރަށް ބޮޑުވެގެންނެވެ.
އެމްޑީޕީ ސަރުކާރުން ބިދޭސީންގެ މައްސަލަ ބެލެހެއްޓުން އިމިގްރޭޝަނުން ވަކިކޮށް، އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީވެސް މިކަމުގައި އޮތް ނިޒާމީ ރޭވުންތެރިކަން ގެއްލިގެންދިޔަ ސަބަބެކެވެ. އޭގެ ނަތީޖާއަކަށްވީ، ބިދޭސީން ރާއްޖޭގެ ކުދި ވިޔަފާރިތައް ކޮންޓްރޯލްކޮށް، ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ބިދޭސީންގެ ބާރު ގަދަވެގެން ދިއުމެވެ. ބައެއް ބިދޭސީން ދިވެހި ވިޔަފާރިވެރިންނަށްވުރެ މުއްސަނދިވެ، ގައުމުގެ އިގުތިސާދީ ނާރުތަކުގައި ވަކިހިއްޕާލިއެވެ.
ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، މި ބިރުވެރި ހާލަތަށް ބަދަލުތަކެއް އަންނަން ފެށިއެވެ. މި ސަރުކާރުން މި މައްސަލައާ ކުރިމަތިލީ ނިކަން ހަލުވި ބާރުމިނެއްގައެވެ. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު އަލީ އިޙްސާންގެ ސީދާ ބެއްލެވުމުގެ ދަށުން، "އޮޕަރޭޝަން ކުރަނގި" ފަށައި، ބިދޭސީންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ގެންދެވިއެވެ.
މި މަސައްކަތުގެ ނަތީޖާ މިއަދު މިވަނީ ފެންނަން ފަށާފައެވެ. އެމްޑީޕީ ސަރުކާރު ނިމުނުއިރު ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އެއްކުރެވިފައި އޮތީ އެންމެ 13 އިންސައްތައިގައެވެ. ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 2 އަހަރުގެ ތެރޭގައި މި އަދަދު ވަނީ 98 އިންސައްތައަށް އުފުލިފައެވެ. މިއީ ކުރީގެ ސަރުކާރުތަކަށް ނުކުރެވުނު، ތާރީޚީ ބޮޑު ކާމިޔާބީއެކެވެ. މިއަދު ރާއްޖޭގައި ތިބި ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ސަރުކާރުގެ ދަފްތަރުގައި އެބަހުއްޓެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިކަމުގައި ގެންގުޅެނީ އިންސާނިއްޔަތުކަމާއެކު، ނަމަވެސް ގައުމީ ސަލާމަތަށް އިސްކަންދޭ ހަރުދަނާ ސިޔާސަތެކެވެ. ގަވާއިދާ ހިލާފަށް އުޅޭ މީހުންނަށް ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުމާއެކު، ކުށުގެ ވެށީގައި އުޅޭ ބިދޭސީން ވަގުތުން ޑިޕޯޓްކުރުމުގެ މަސައްކަތް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ. މިހާތަނަށް 9،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
ކުރީގެ ސަރުކާރުތަކުން ބިދޭސީންގެ މައްސަލަ ބޭނުންކުރީ ސިޔާސީ މަންފާ ހޯދުމަށެވެ. ނަމަވެސް މި ސަރުކާރުން މިވަނީ އެއީ ހައްލުކުރެވޭނެ މައްސަލައެއްކަން އަމަލުން ދައްކާފައެވެ. "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި ފެށިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އެކަކަށްވެސް ނޫޅެވޭނެކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދެއެވެ. މިއީ ދިވެހި ގައުމަށްޓަކައި، ދިވެހިންގެ ސަލާމަތަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި ގައުމީ ޚިދުމަތެކެވެ.