ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު މިމަހު 20 ގައި ހުޅުވާލަނީ
އަމާން އުދަރެސް ފްލެޓް ފޮޓޯ: އެމްއެމްޓީވީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން، އެފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 20 ވަނަ ދުވަހު ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ފުރުޞަތުގެ ދަށުން މި މަހުގެ 20 އިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެއެވެ. މި ބަދަލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިޞްލާޙުކުރުމަށް ވަޒީރު ޑރ. އަލީ ޙައިދަރު އަޙްމަދު މިދިޔަ އެޕްރީލް މަހު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ގެނެވުނު ބަދަލެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު pic.twitter.com/AZjhMCUfj8
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) May 10, 2026
މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނީ އަމިއްލައަށް ފޯމު ފުރުމަށް ދަތިވާ ފަރާތްތަކާއި، 18 އަހަރު ފުރިފައިނުވާ ކުދިންގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންނަށެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގުރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓަގަރީއެއް ހަމަޖައްސައި ފޯމު ހުށަހެޅުމުގެ ފުރުޞަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. މި ކެޓަގަރީން ކުރިމަތިލާ ފަރާތްތަކަކީ އެންސްޕާގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކެއްކަން ސާބިތުކުރުމަށް އެ އެޖެންސީން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހަޅަންޖެހެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މިދިޔަ ފެބުރުވަރީ މަހު މި އުސޫލަށް ބައެއް ލުއިތަކެއްވެސް ގެނެސްފައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ވަނީ ކުޑަކޮށްދީފައެވެ. މިހާރު އޮތް އުސޫލުގެ ދަށުން، މާލޭ ސަރަހައްދުގައި މެދުނުކެނޑި 5 އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފްލެޓަށް އެދި ހުށަހެޅޭނެއެވެ.
މީގެއިތުރުން، އަތޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން، އެފަރާތްތަކަށް ބޭނުންވާ ފަރުވާ ރަށުން ނުވަތަ އަތޮޅުން ލިބެން ނެތުމުގެ ސަބަބުން މާލެ ސަރަހައްދަށް ބަދަލުވާންޖެހޭ ފަރާތްތަކަށްވެސް މި އުސޫލުގެ ދަށުން ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން، މިދިޔަ 1 އަހަރު ދުވަހު މާލެ ސަރަހައްދުން ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން މުޖުތަމަޢުގެ އެކި ފަންތީގެ މީހުންނަށް، ޚާއްޞަކޮށް އަޅާލުން ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.