ދުނިޔެ

ފްލޮޓިލާގެ ދެ އެކްޓިވިސްޓުން އިސްރާއީލުން ޑީޕޯޓްކޮށްލައިފި

ފްލޮޓިލާގެ ދެ އެކްޓިވިސްޓުން އިސްރާއީލުން ޑީޕޯޓްކޮށްލައިފި

ސްޕެއިން-ޕަލަސްތީނަށް ނިސްބަތްވާ ސައިފް އަބޫ ކެޝެކް އާއި ބްރެޒިލްގެ ތިއާގޯ. ފޮޓޯ: ޤުދުސް ނެޓްވޯކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 މޭ 2026، 06:35

10 މޭ 2026، 06:35

ބައިނަލްއަގުވާމީ ކަނޑުގެ ސަރަޙައްދުން ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ގެ އުޅަނދުތަކުން އިސްރާއީލު ސިފައިން ހައްޔަރުކުރި ދެ އެކްޓިވިސްޓުން ޑީޕޯޓްކޮށްލައިފިއެވެ.

އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޑީޕޯޓްކޮށްލާފައިވަނީ ސްޕެއިން-ޕަލަސްތީނަށް ނިސްބަތްވާ ސައިފް އަބޫ ކެޝެކް އާއި ބްރެޒިލްގެ ތިއާގޯ އަވީލާއެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ 'އަދާލާ' އިން ހާމަކުރި ގޮތުގައި، މި ދެމީހުން އިސްރާއީލުގެ ބަންދުގައި ތިބިއިރު އެކި ބާވަތުގެ އަނިޔާތަކާ ކުރިމަތިލާންޖެހުނެވެ. އަދި އެ މީހުން ހައްޔަރުކުރުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްވެސް ވަނީ ކޮށްފައެވެ. މި ދެ އެކްޓިވިސްޓުން ހައްޔަރުކޮށްފައިވަނީ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ގްރީސްގެ އައްސޭރިފަށުން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުން 22 އުޅަނދެއް އިސްރާއީލު ސިފައިން ހިފެހެއްޓި ހާދިސާގައެވެ.

އަނިޔާވެރި އަމަލުތަކާއި ތުހުމަތުތައް

އަބޫ ކެޝެކް އާއި އަވީލާ ބަންދުކޮށްފައި ބޭތިއްބީ އަޝްކެލޯންގައި ހުންނަ ޝިކްމާ ޖަލުގައެވެ. އަދާލާ ޖަމާއަތުން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު، އަބޫ ކެޝެކްގެ ލޯ މަތީގައި ފޮތިގަނޑު އަޅައި، ބޮޑެތި އަނިޔާތަކެއް ވަނީ ކޮށްފައެވެ. އަދި އަވީލާގެ މޫނުމަތިން އަނިޔާގެ ނިޝާންތައް ފެންނަން ހުރި ކަމަށާއި، އޭނާގެ ކޮނޑަށް ބޮޑެތި ތަދުތަކެއް އިހުސާސްވަމުންދާ ކަމަށް ބްރެޒިލް އެމްބަސީން ވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލުން މި ދެމީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވުމާއި ބޭރުގެ އެޖެންޓުންނާ ގުޅުން ބޭއްވުމުގެ ކުށުގައެވެ. ނަމަވެސް އެ ދެމީހުންވެސް ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެމީހުންގެ ވަކީލުން ބުނާ ގޮތުގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ބޭރު ގައުމެއްގެ ރައްޔިތުން ކުރާ ކަމަކަށް އިސްރާއީލުގެ ގާނޫނު ހިންގުމަކީ ގާނޫނީ އެއްވެސް އަސާސެއް އޮތް ކަމެއް ނޫނެވެ.

ބައިނަލްއަގުވާމީ ފާޑުކިޔުންތައް

އިސްރާއީލުގެ މި އަމަލަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައެވެ. ތުރުކީގެ ޚާރިޖީ ވުޒާރާއިން މި އަމަލު ސިފަކޮށްފައިވަނީ "ކަނޑުފޭރުމުގެ އަމަލެއް" ގެ ގޮތުގައެވެ. އަދި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އެ ގައުމުގެ ރައްޔިތެއް ޣައިރު ގާނޫނީ ގޮތެއްގައި ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކުރައްވައި، އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާ އަކީ ޣައްޒާގެ 2.3 މިލިއަން ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، އިސްރާއީލުން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ހަރަކާތެކެވެ. މި ފްލޮޓިލާގައި ފްރާންސް، ސްޕެއިން އަދި އިޓަލީން ފުރި 50 އަށްވުރެ ގިނަ އުޅަނދު ހިމެނެއެވެ. އިސްރާއީލުން ހައްޔަރުކުރި އެހެން އެކްޓިވިސްޓުން މީގެ ކުރިން ދޫކޮށްލާފައިވާއިރު، އަބޫ ކެޝެކް އާއި އަވީލާ ދޫކޮށްލާފައިވަނީ އެންމެ ފަހުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450