ޚަބަރު
ފިއްލަދޫ ކައިރީގައި ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފައްޗެއް ޤާއިމްކޮށްފި
ދޮށީ ކަނދުފަތި ޤާއިމްކުރުން/ފޮޓޯ: ވުޒާރާ
ހއ. ފިއްލަދޫ އިރުން 15 މޭލު ބޭރުގައި ދޮށީގެ މަސްވެރިކަން ކުރާ ކަނދުފައްޗެއް ޤާއިމްކޮށްފިއެވެ.
މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ، އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވާ ފުޅާކުރުމެވެ.
އެގޮތުން، މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި، ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ރާއްޖޭގެ ކަނޑުގެ އެކި ހިސާބުތަކުގައި ކަނދުފަތި ޤާއިމުކުރުމަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫޢެއްކަން ފާހަަގަކޮށްލެވެއެވެ.
ދޮށީ ކަނދުފަތި ނަންބަރު: C09D01-01
— Min of Fisheries, Agriculture and Ocean Resources (@MFAORmv) May 9, 2026
09 މޭ 2026 ވަނަ ދުވަހު ދޮށީ ކަނދުފަތި، ހއ.ފިއްލަދޫ އިރުން 15 މޭލު ބޭރުގައި ޤާއިމްކޮށްފި. pic.twitter.com/dtPf1jj3gs
ދޮށީގެ މަސްވެރިކަމަށް ކަނދުފަައްޗާއި، ވަދު ކަނދުފަތި ޤާއިމުކުރުމާއި، ވިއުގާ ބެލެހެއްޓުމަކީ ސަރުކާރުގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ. ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް އެ މުޒާރާއިން ވަނީ ފަށާފައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ މަސްވެރިންނަށް ޚާއްޞަކޮށްގެން ގިނަ ކަންތައްތަކެއް ކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެމަނިކުފާނު ސަރުކާރު ހަވާލުވި އިރު ކުރީގެ ސަރުކާރުން މަސްވެރިންނަށް ހުރީ މިލިއަނުން ފައިސާ ނުދީއެވެ. އަދުގެ ސަރުކާރުން ދަނީ މަސްވެރިންނަށް ފައިސާ ނުދެވި އޮތް އޮތުން ނިމުމަކަށް ގެނެސް 24 ގަޑިއިރުތެރޭ މަސްވެރިން ކިރާ މަހަށް ފައިސާދެމުންނެވެ.