Ads by Farudhun

ޚަބަރު

ނޫސް ކޮންފަރެންސްތަކަކީ ދޮގު ވާހަކަ ހަދައިގެން އިއްވުމާއި ޤާނޫނުތައް މުގުރުމަށް އޮތް ފުރުޞަތެއް ނޫން: ވަޒީރު ސަޢީދު

ނޫސް ކޮންފަރެންސްތަކަކީ ދޮގު ވާހަކަ ހަދައިގެން އިއްވުމާއި ޤާނޫނުތައް މުގުރުމަށް އޮތް ފުރުޞަތެއް ނޫން: ވަޒީރު ސަޢީދު

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

11 މޭ 2026، 02:57

ނޫސް ކޮންފަރެންސްތަކަކީ ދޮގު ވާހަކަ ހަދައިގެން އިއްވުމާއި ޤާނޫނުތައް މުގުރުމަށް އޮތް ފުރުޞަތެއް ނޫންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަން ހިނގާދިޔަ ގޮތާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން އަބަދުވެސް ޖާގަދީފައިވާއިރު، މިއީ ޑިމޮކްރަސީގެ ވެސް އެންމެ ވަރުގަދަ އެއް އަސާސް ކަމަށެވެ.

ނަމަވެސް، ލިބިފައިވާ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި، އޭގެ ހިޔަންޏަށް ވަދެ ތިބެ، ވާދަވެރި ސިޔާސީ ޕާޓީއަކުން އިދިކޮޅު ހަރަކާތްތައް ހިންގާ އުޞޫލުން، ނޫސްވެރިކަމުގެ މައިކު ހިފައިގެން ރައީސް އޮފީސްތެރޭ ހަޅުތާލުކުރާ މޭރުމުން ކަންކަން ކުރުމަކީ،  ނޫސްވެރިކަމުގެ މިނިވަންކަން ނަހަމަގޮތުގައި ބޭނުންކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ނޫސް ކޮންފަރެންސްތަކަކީ ޒާތީގޮތުން ދިމާކުރުމާ، ދޮގު ވާހަކަ ހަދަހަދައިގެން އިއްވުމާ، ޤާނޫނުތައް މުގުރުމާ، ކޯޓުގެ ޙުރުމަތް ކެނޑުމަށް އޮތް ފުރުޞަތެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ، ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް މަޢުލޫމާތު ނުދެއްވާ މިންވަރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ފުރުޞަތު ދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި އެއްވެސް އިތުރު މޮޑަރޭޝަންއަކާ ނުލައި، ކޮންމެ ހަފްތާއަކު އެއްފަހަރު ސީދާ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ، ހުޅުވާލެވިފައިވާ މާޙައުލެއްގައި މަޢުލޫމާތު ދެއްވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ޚިދުމަތްތަކާއި ސިޔާސަތުތައް ޒިންމާދާރު ނޫސްވެރިކަމުގެ ތެރެއިން ހާމަކޮށްދެއްވުމަށްކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މި އަގުހުރި ފުރުޞަތުގެ ބޭނުން ނޫސްވެރިން ހިފަންވާނީ ރައްޔިތުންނަށް ފައިދާހުރި ގޮތަށް އަދި ޝަރުޢީ ޤާނޫނީ އަމުރުތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450