ރިޕޯޓް

ޑިޖިޓަލް ހިމާޔަތް: ޤައުމު ބިނާކުރުމުގެ ވަރުގަދަ ފިޔަވަޅެއް

ޑިޖިޓަލް ހިމާޔަތް: ޤައުމު ބިނާކުރުމުގެ ވަރުގަދަ ފިޔަވަޅެއް

"ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލް" އަދި "ޤައުމީ ސައިބަރ ސެކިއުރިޓީ ބިލް" އާ ގުޅޭ ވޯކްޝޮޕް ފޮޓޯ؛ ޑީމެޑް

farudhun logo

ފަރުދުން

11 މޭ 2026، 05:21

11 މޭ 2026، 05:21

ދިވެހިރާއްޖޭގެ ޑިޖިޓަލް  ދާއިރާ ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، "ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލް" އަދި "ޤައުމީ ސައިބަރ ސެކިއުރިޓީ ބިލް" އެކުލަވާލައި، ދިވެހި ސަރުކާރުން މުހިންމު ފިޔަވަޅެއް އަޅައިފިއެވެ. މި ދެ ބިލަކީ ރައްޔިތުންނާއި، ވިޔަފާރިތަކާއި، އަދި ސަރުކާރުގެ އިދާރާތަކަށް ރައްކާތެރި، އިތުބާރުހުރި، އަދި ހަރުދަނާ ޑިޖިޓަލް މާޙައުލެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ބިލްތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ އިސްނެންގެވުމާއި ތަޞައްވުރުގެ ދަށުން މޯލްޑިވްސް ޑިޖިޓަލް ސަރވިސް އާއި ސައިބަރ ސެކިޔުރިޓީ އެޖެންސީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތުންނެވެ. މިބިލްތަކުގައި ބޮޑަށް އިސްކަންދީފައިވަނީ ޑޭޓާ ރައްކާތެރިކުރުމާއި، ސައިބަރ ސެކިއުރިޓީއާއި، ޤައުމީ ފެންވަރުގައި މިފަދަ ކަންކަމަށް ތައްޔާރުވެފައި އޮތުމުގެ އިތުރުން، "މޯލްޑިވްސް 2.0"  ތަޞައްވުރުގެ ފުޅާ މަޤްޞަދުތަކަށެވެ. ރާއްޖޭގެ ރައްޔިތުން ޑިޖިޓަލް ދުނިޔޭގައި ފައިހަމަ ކުރަމުންދާއިރު، އަމިއްލަ ފަރުދުންގެ މަޢުލޫމާތު ރައްކާތެރިކުރުމާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި، އަދި ޑިޖިޓަލް ޚިދުމަތްތަކަށް އޮންނަ އިތުބާރު ވަރުގަދަކުރުމަކީ ކުރިއަށްވުރެ ބޮޑަށް މިއަދު ބޭނުންތެރިވެފައިވާ ކަމެކެވެ.

މި ބިލްތައް އެކުލަވާލުމުގެ ތަފްޞީލީ އަދި މަޝްވަރާގެ މަރުޙަލާތަކަށްފަހު،  އެޓަރނީ ޖެނެރަލްގެ އޮފީހުން  މިހާރު ވަނީ މި ބިލްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މިއީ ޤައުމީ ޑިޖިޓަލް ގަވަރނަންސް އެޖެންޑާގައި ހޯދުނު ބޮޑު ކާމިޔާބީއެއްގެ އިތުރުން، ޑިޖިޓަލް ޒަމާނަށް ބޭނުންވާ ވަރުގަދަ ޤާނޫނީ ބިންގަލެއް އެޅުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.

ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލް  ފަރުމާކޮށްފައިވަނީ އަމިއްލަ ފަރުދުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށާއި، މަޢުލޫމާތު އެއްކުރުމާއި، ބޭނުންކުރުމާއި، ރައްކާކުރުމާއި އަދި ޙިއްޞާކުރުމަކީ ޒިންމާދާރު އަދި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކުރެވޭ ކަމެއްކަން ކަށަވަރުކުރުމަށެވެ. މީގެ ބޭނުމަކީ އަމިއްލަ މަޢުލޫމާތު ބަލަހައްޓަނީ ރައްކާތެރިކަމާއި، ދެފުށް ފެންނަ ގޮތެއްގައި އަދި ޒިންމާދާރުކަމާއެކުކަން ރައްޔިތުންނަށް ޔަޤީންކޮށްދިނުމެވެ. ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ޚިދުމަތްތައް ޑޭޓާއަށް ބަރޯސާވެފައިވާ ޒަމާނީ ޑިޖިޓަލް މުޖުތަމަޢެއްގައި، އިތުބާރާއި ހެޔޮވެރިކަން ޤާއިމުކުރުމަށް މިފަދަ ރައްކާތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އަނެއްކޮޅުން،  ޤައުމީ ސައިބަރ ސެކިއުރިޓީ ބިލް  ބޮޑަށް އަމާޒުކޮށްފައިވަނީ ސައިބަރ ނުރައްކާތަކުން ރައްކާތެރިވުމަށާއި، އެފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އިޖާބަދިނުމާއި، އަދި އަލުން އާންމު ހާލަތަށް ރުޖޫޢަވުމުގެ ޤާބިލުކަން އިތުރުކުރުމަށެވެ. މި ބިލުގެ ސަބަބުން ޤައުމީ ސައިބަރ މާޙައުލު ވަރުގަދަވެ، ދައުލަތުގެ މުހިންމު ޑިޖިޓަލް އިންފްރާސްޓްރަކްޗަރތަކާއި، ސަރުކާރުގެ ނިޒާމުތަކާއި، އާންމު ޚިދުމަތްތަކާއި، އަދި މުޅި ޑިޖިޓަލް ނިޒާމު ރައްކާތެރިކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް ޚިދުމަތްތައް ފުޅާވެ، އެކި ނިޒާމުތަކާއި ޕްލެޓްފޯމްތައް ގުޅިލާމެހިފައިވާ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައި ނުހަނު މުހިންމު ކަމެކެވެ.

މި ބިލްތަކުގެ އެންމެ ބޮޑު އެއް ބާރަކީ، މިއީ ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކުލަވާލެވުނު ބިލްތަކަކަށް ވުމެވެ. މި ބިލްތަކުގެ ފަންނީ އަދި ސިޔާސަތުތައް އެކުލަވާލައި ފުރަތަމަ ދެލިކޮޕީތައް އެކުލަވާލުމުގައި މޯލްޑިވްސް ޑިޖިޓަލް ސަރވިސް  އާއި  ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ  އިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ ފަރާތްތަކުގެ ބައިވެރިވުމުގެ ސަބަބުން، ހުށަހެޅިފައިވާ ޤާނޫނީ އޮނިގަނޑުތަކަކީ ޤައުމީ ޑިޖިޓަލް އެޖެންޑާއާ ގުޅޭ އަދި ރާއްޖޭގެ ޢަމަލީ ބޭނުންތަކަށް ފެތޭ އޮނިގަނޑުތަކެއްކަން ކަށަވަރުވެގެންދިޔައެވެ.

މީގެ އިތުރުން، މި މަސައްކަތުގައި  ވޯލްޑް ބޭންކް ގެ އެހީތެރިކަންވެސް ލިބިފައިވެއެވެ. ޚާއްޞަކޮށް  "ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން" (DMADD)  މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓުން އެ ބޭފުޅުންގެ ފަންނީ ލަފާދެއްވާ، ބައިނަލްއަގުވާމީ ތަޖުރިބާގެ އަލީގައި، މި ބިލުތަކުގެ ދެލިކޮޕީތައް އިތުރަށް ހަރުދަނާކުރުމަށާއި، އެކުލަވައިލެވޭ ހުށަހެޅުންތަކަކީ ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ ހުށަހެޅުންތަކަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު، މި ދެ ބިލާ ގުޅޭގޮތުން އަމިއްލަ ވިޔަފާރިތައް ހިމެނޭހެން، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ވެސް ވަނީ ބާއްވާފައެވެ. މި މަޝްވަރާތަކުގެ ސަބަބުން ސަރުކާރުގެ އިދާރާތަކަށާއި، ފަންނީ މާހިރުންނަށް އަދި ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކަށް ބިލުތަކުގެ ދެލިކޮޕީތައް މުރާޖައާކޮށް، އެ ފަރާތްތަކުގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދިޔައެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ހުށަހެޅުނު ޚިޔާލުތަކާއި ފަންނީ ލަފާތަކަށްވެސް ވަނީ ރިއާޔަތްކޮށްފައެވެ. މީގެ ސަބަބުން، މި ބިލުތަކަކީ ދުނިޔޭގެ އެންމެ ރަނގަޅު އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ، އަދި ހަމައެއާއެކު ރާއްޖޭގެ ގާނޫނީ، އިދާރީ އަދި އިޖުތިމާއީ ހަގީގަތްތަކަށް ފެތޭ ބިލުތަކެއްކަން ކަށަވަރުކުރުމަށް މަގުފަހިވިއެވެ.
އެންމެ ފަހު މަރުހަލާގައި،  އެޓަރނީ ޖެނެރަލްގެ އޮފީހުން  ވަނީ ގާނޫނީ ލަފަޔާއި، ފަންނީ އިރުޝާދާއި، އިދާރީ އެހީތެރިކަމާއެކު މި ބިލުތައް މުރާޖައާކޮށް ނިންމާފައެވެ. މި މަރުހަލާގެ ސަބަބުން ބިލުތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފުރިހަމައަށް ތައްޔާރުކުރެވުނެވެ.

ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީ ބިލާއި ސައިބަރ ސެކިއުރިޓީ ބިލުން ޑިޖިޓަލް އިތުބާރާއި، ޑޭޓާގެ ރައްކާތެރިކަމާއި، އަމިއްލަ މިނިވަންކަމާއި، އަދި ސައިބަރ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ގައުމީ ފެންވަރުގައި ވަރުގަދަ އޮނިގަނޑެއް ގާއިމުކުރުމަށް އެހީތެރިވެދޭނެއެވެ. މި ބިލުތަކުގެ ސަބަބުން މުޅި ރާއްޖޭގައި ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބޭނުންކުރުމަށް މަގުފަހިވެ، ޒަމާނީ ޑިޖިޓަލް ގަވަރނަންސްއަކަށް ބޭނުންވާ ގާނޫނީ ބިންގާ އެޅިގެންދާނެއެވެ.

މި ބިލުތަކަކީ ހަމައެކަނި ގާނޫނީ އިސްލާހުތަކެއް ނޫނެވެ. މިއީ ގައުމީ ފެންވަރުގައި ގެނެވޭ ފުޅާ ބަދަލެއްގެ ބައެކެވެ. "މޯލްޑިވްސް 2.0" ތަސައްވުރުގެ ދަށުން، ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންދަނީ މިހާރަށްވުރެ ބޮޑަށް ގުޅިފައިވާ، ހަރުދަނާ، ރައްކާތެރި، އަދި ރައްޔިތުންނަށް އިސްކަންދޭ ޑިޖިޓަލް ސަރުކާރެއް ބިނާކުރުމަށެވެ. އެ ތަސައްވުރު ކާމިޔާބުވުމަށްޓަކައި، ރައްޔިތުން ބޭނުންކުރާ ނިޒާމުތަކަށާއި، ލިބިގަންނަ ޚިދުމަތްތަކަށާއި، އަދި އެމީހުންގެ މައުލޫމާތު ބަލަހައްޓާ އިދާރާތަކަށް ރައްޔިތުންގެ އިތުބާރު އޮންނަންޖެހެއެވެ.

މި ބިލުތައް ކުރިއަށް ގެންދިއުމުން، ސަރުކާރުން މި އެޅީ ރައްޔިތުން ރައްކާތެރިކުރުމަށާއި، މުއައްސަސާތައް ހަރުދަނާކުރުމަށާއި، އަދި ރައްކާތެރި ޑިޖިޓަލް މުސްތަގުބަލަކަށް ރާއްޖެ ތައްޔާރުކުރުމަށްޓަކައި އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450