ޚަބަރު
ބައެއް ނޫސްވެރިން ކުރާ ހުތުރު ޢަމަލުތަކުގެ ސަބަބުން ޒިންމާދާރު ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސްއެޅޭ: ވަޒީރު ޝިޔާމް
ވަޒީރު ޝިޔާމް/ފޮޓޯ: ޕީއެންސީ
ބައެއް ނޫސްވެރިން ކުރާ ހުތުރު ޢަމަލުތަކުގެ ސަބަބުން ޒިންމާދާރު ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސްއެޅޭކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކަށް ނޫސްވެރިޔަކު ނުކިޔަމަންތެރިވުމާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ މީޑިއާ އާއި ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކުރެއްވުމަށް ވާދަވެރި ސިޔާސީ ޕާޓީތަކުންނާއި، މި ސަރުކާރާ ކަނޑައެޅިގެން ދެކޮޅުކަމަށް ބުނެފައިވާ ބައެއް މީޑިއާތަކުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކުރާ ހީލަތްތެރި ފިތުނަވެރި މަސައްކަތެއް ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތްކުރައްވަނީ މީޑިއާތަކާ ވަރަށް ގާތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން، ކޮންމެ ހަފްތާއަކު އެއްދުވަހު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ، މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެއްވަންޖެހޭ މަޢުލޫމާތުތައް ހިއްސާކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެއާއެކު، މިނިވަން ނޫސްވެރިކަމަށް ދެއްވަންޖެހޭ ޖާގަ ވެސް ރައީސް ދެއްވާ ކަމަށާއި، ޝަރުޢީ ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާވުމާއި، އަދި ވަކިން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ އަމުރުތަކަށް ގޮންޖަހައި މަސައްކަތްކުރުމުގެ ޖާގަނުދީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެމަނިކުފާނު އަދާކުރެއްވީ އެ ޒިންމާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިވަން ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ނަގާލާ، ކޯޓުތަކުން ކުރާ އަމުރުތަކަށް ގޮންޖަހާ ހިތުހުރި ގޮތަކަށް "ނޫސްވެރިން" ޢަމަލުކުރުމަކީ ޑިމޮކްރަސީއެއް ނޫން.
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ކަންތައްތަކެއްގެ މައްޗަށް އެމަނިކުފާނަށް ޒާތީގޮތުން ފުރައްސާރަކުރަން ލިބޭ ފުރުޞަތެއްގެ ގޮތުގައި ބައެއް ނޫސްވެރިން ޤަބޫލުކުރާކަމީ އެ ނޫސްވެރިން، ނޫސްވެރިކަމުގެ އަޚްލާޤީ ހަމަތަކާއި އަސާސްތަކާ ޚިލާފަށް ކުރާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި "އަދަދު" ނޫހުގެ ނޫސްވެރިޔާގެ ފަރާތުން ފެނުނީ އެ އަސާސްތަކާ ޚިލާފަށް ކުރި ދަށުދަރަޖައިގެ ޢަމަލެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ނޫސްވެރިކަމުގެ ތޮފި އަޅައިގެން ބައެއް ނޫސްވެރިން ކުރާ މިފަދަ ޒިންމާދާރުކަން ކުޑަ، ހުތުރު ޢަމަލުތަކަކީ ހަމައާއި އުޞޫލުގެ މަތިން މަސައްކަތްކުރާ ޒިންމާދާރު ނޫސްވެރިންގެ މަސައްކަތަށް ވެސް އެޅޭ ހުރަހެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދު ވެސް ޒިންމާދާރު ނޫސްވެރިކަމަށް މަރުޙަބާ ކިޔާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ، އެމަނިކުފާނަކީ ފަސްޖެހިވަޑައިގަތުމެއް ނެތި ޤާނޫނުގެ ވެރިކަން ނަގަހައްޓާނެ ޒިންމާދާރު، ރައްޔިތުންނަށް އިޚްލާޞްތެރި ވެރިއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.