ޚަބަރު
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
އިލެކްޝަންސް ކޮމިޝަން/ފޮޓޯ: ޓީއެމްޖޭ
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން މިއަންނަ ޖޫން މަހުގެ 3 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓް އިން ފޯރމާއި އިޤްރާރު ޑައުންލޯޑް ކުރެއްވޭނެކަމަށް އެ އޮފީހުން ވިދާޅުވިއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައްވާފައިވަނީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު އެ މަޤާމާއި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.