ރިޕޯޓް

ނިމުމެއްނެތް އޯގާތެރިކަމުގެ ފަހަތުގައި ވަނީ ދިވެހި ނަރުހުންގެ ޤައުމީ ޚިދުމަތާއި ފިސާރި ހިތްވަރު

ނިމުމެއްނެތް އޯގާތެރިކަމުގެ ފަހަތުގައި ވަނީ ދިވެހި ނަރުހުންގެ ޤައުމީ ޚިދުމަތާއި ފިސާރި ހިތްވަރު

ނަރުހުން/ފޮޓޯ: ރާއްޖެ ޓައިމްސް

12 މޭ 2026، 04:12

ކޮންމެ އަހަރެއްގެ މޭ މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހެވެ. މި ދުވަހަކީ ޞިއްޙީ ނިޒާމުގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، އަދި ބަލިމީހުންގެ އެންމެ ގާތް އެކުވެރިންގެ ގޮތުގައި ތިބޭ ނަރުހުންގެ އަގުވަޒަންކުރުމުގެ ދުވަހެވެ. ޞިއްޙީ ފަރުވާ ދިނުމުގެ މުޅި ނިޒާމު ބިނާވެފައިވަނީ ނަރުހުންގެ ބުރަ މަސައްކަތުގެ މައްޗަށެވެ.

ބަލިމީހަކަށް ބޭނުންވާ ބޭސްފަރުވާ އާއި އޯގާތެރިކަމާއި، ނަފްސާނީ ހިތްވަރު ދިނުމުގައި އެންމެ މުހިންމު މަސްއޫލިއްޔަތެއް އަދާކުރާ ބަޔަކީ ނަރުހުންނެވެ. ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުތައް ތަންފީޛުކޮށް، ބަލިމީހާގެ ޙާލަތު 24 ގަޑިއިރު މޮނިޓަރކޮށް، އެފަރާތްތަކުގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި ނަރުހުންގެ ދައުރު އިންތިހާއަށް ބޮޑެވެ.

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބަލާއިރު، ދިވެހި ނަރުހުން ހޯދަމުންދާ ކުރިއެރުންތަކަކީ ފާހަގަކޮށްލަންޖެހޭ ކަންކަމެވެ. ނަމަވެސް، މި ދާއިރާގައި އަދިވެސް ގިނަގުނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭނުންވާ މިންވަރަށް ދިވެހި ނަރުހުން ނުލިބުމެވެ. އާބާދީ އިތުރުވަމުންދާ މިންވަރާއި، ޞިއްޙީ ޚިދުމަތްތައް ފުޅާވަމުންދާ މިންވަރަށް ބަލާއިރު، ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން މިހާރު ތިބި ނަރުހުންނަށް ކުރަންޖެހޭ މަސައްކަތް ވަނީ އިތުރުވެފައެވެ.

މިކަމަށް ޙައްލެއް ހޯދުމަށްޓަކައި، ސަރުކާރާއި އަމިއްލަ ކޮލެޖުތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގުމާއި، މި ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕްތައް ދިނުން ހިމެނެއެވެ. އަމާޒަކީ ދިވެހި ފަސްގަނޑުގައި ދިވެހި ނަރުހުންގެ ޖީލެއް ބިނާކޮށް، ބޭރުގެ ނަރުހުންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މުޅި ރާއްޖޭގައި ޖުމްލަ 3،907 ނަރުހުން ދަނީ ޚިދުމަތް ދެމުންނެވެ. އޭގެތެރޭގައި އަންހެން 3،593 ނަރުހުން އަދި ފިރިހެން 314 ނަރުހުން މަސައްކަތް ކުރަމުންދެއެވެ. މީގެ ތެރެއިން %64 (2503) ނަރުހުންނަކީ ދިވެހިން، އަދި %36 (1404) ނަރުހުންނަކީ ބިދޭސީންކަން ފާހަގަކޮށްލެވެއެވެ. މީގެތެރެއިން %49 (1918) ނަރުހުން އަތޮޅުތެރޭގައި މަސައްކަތް ކުރަމުންދާއިރު، %51 (1989) ނަރުހުން ދަނީ މާލެ ސަރަޙައްދުގައި މަސައްކަތް ކުރަމުންނެވެ.

ނަރުހުންގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 2018 ވަނަ އަހަރު ނަރުހުންގެ އޮނިގަނޑު ވަނީ އެކުލަވާލާފައެވެ. އަދި އެ އޮނިގަނޑާއެކު ނަރުހުންގެ ކެރިއަރ ޕާތުވޭ އާއި މުސާރައިގެ އޮނިގަނޑަށް ގެނެވުނު އިޞްލާޙުތަކާއެކު، ކުރިއެރުން ލިބޭނެ މަގުތައް ވަނީ ތަރުތީބުކުރެވިފައެވެ. އެގޮތުން މި އޮނިގަނޑާއެކު މިހާރު މި ދާއިރާއިން އިތުރަށް ކުރިއެރުމަށް ފުރުޞަތުތައް ވަނީ ހުޅުވިފައެވެ. އެގޮތުން ކާޑިއަކް ކެއަރ، އަދި ނިއުރޯ ކެއަރ ފަދަ ޚާއްޞަ ދާއިރާތަކުން ތަމްރީނުވުމުގެ ފުރުޞަތުތައް ވަނީ ހުޅުވިފައެވެ. އަދި ނަރުހުންގެ ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ލައިސަންސް ދިނުމުގެ ނިޒާމު ވަނީ އިތުރަށް ހަރުދަނާކުރެވިފައެވެ.

ބަލި މީހުންނަށް އަޅާލުމާއި، އޯގާތެރި ފަރުވާއެއް ކަށަވަރުކުރުމަކީ ނަރުހުން އަދާކުރާ މާތް ޤައުމީ ވާޖިބެކެވެ. ބަލިމީހާގެ ބަލިހާލަތުގެ އިތުރުން، އެމީހުންގެ ނަފްސާނީ ހަމަޖެހުމަށްޓަކައި ނަރުހުން ކުރާ މަސައްކަތަކީ އަގު ނުކުރެވޭނެ ފަދަ ޚިދުމަތެކެވެ. ބަލިމީހާގެ އާއިލާއާއި މުޢާމަލާތްކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ލުޔެއް ހޯދައިދިނުމަކީ ވެސް ނަރުހުންގެ ޒިންމާއެކެވެ. މިފަދަ ބުރަ މަސައްކަތެއް ކުރާ ފަރާތްތަކަށް، ވަޒީފާގެ މާޙައުލަކީ ލުއިފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޝިފްޓް ޑިއުޓީތައް ރޭވުމުގައި ލުއިގޮތްތަކެއް ހޯދައިދިނުމާއި، އެކަށީގެންވާ އުޖޫރައެއް ކަށަވަރުކޮށްދިނުމަކީ ނަރުހުން މި ދާއިރާގައި ދެމިތިބުމަށް ބާރުއަޅާނެ ކަންކަމެވެ.

ހަމަ އެއާއެކު، ނަރުހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ކޮންމެ ދުވަހަކު މަރުގެ ތުންފަތްމަތީގައިވާ ބަލިމީހުންނާއި، ހިތާމަވެރި ހާދިސާތަކާ ކުރިމަތިލާންޖެހުމަކީ ނަރުހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. އެހެންކަމުން، އެފަރާތްތަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި، އަރާމުކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ނަރުހުންނަކީ ހަމައެކަނި ޚިދުމަތްތެރިންނެއް ނޫނެވެ. އެއީ ޤައުމުގެ ޞިއްޙީ ދުޅަހެޔޮކަމުގެ ބަލަދުވެރިންނެވެ. އެހެންކަމުން، އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، އެކަށީގެންވާ އިޙްތިރާމާއި ޤަދަރު ދިނުމަކީ މުޅި މުޖުތަމަޢުގެ ފަރުދީ ޒިންމާއެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450