ޚަބަރު
މުހިންމު މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ފުރަތަމަ ދައުރު މިމަހުގެ 31 އަށް އިތުރުކޮށްފި
ރައްޔިތުންގެ މަޖިލީސް ފޮޓޯ:މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން، އެ މަސައްކަތްތައް ނިންމުމަށްޓަކައި މި ހިނގާ ދައުރުގެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ދައުރުގެ މުއްދަތު އިތުރުކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ރިޔާސަތުގެ ފަރާތުން ހުށަހަޅުއްވަމުން، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ދައުރު އިތުރުކުރަން ނިންމެވީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މަސައްކަތްތަކެއް ނިންމުމަށް ވަގުތު ބޭނުންވާތީ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ދައުރު ކުރިއަށްދާނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން، ގަވާއިދުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މި ހުކުރު ދުވަހަށް ނިންމަންޖެހެއެވެ.
ނަމަވެސް، ދައުރުގެ މުއްދަތު ހަމަވާއިރު މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމި ހުރިނަމަ، މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ދައުރުގެ މުއްދަތު އިތުރުކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، އަހަރުގެ ދެވަނަ ދައުރު ފެށޭނީ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.