ޚަބަރު
ނުސުކް ކާޑު އަމިއްލަ ޤައުމުގައި ތިބެ ލިބޭ ހަމައެކަނި ޤައުމަކަށް ދިވެހިރާއްޖެ
ނުސުކް ކާޑް އެކްޓިވޭތް ކުރުމުގެ މަސައްކަތް ފޮޓޯޅ ހައްޖު ކޯޕަރޭޝަން
ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ފުރާ ޙައްޖުވެރިންނަށް ސައުދީ ސަރުކާރުން ދޫކުރާ "ނުސުކް ކާޑު"، އަމިއްލަ ޤައުމުގައި ތިބެގެން ބަހާ ހަމައެކަނި ޤައުމަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.
މި އިންތިޒާމަކީ ދިވެހި ޙައްޖުވެރިން ޙައްޖަށް ފުރުމުގެ ކުރިން އެ ކާޑު ލިބޭނެ ގޮތް ހެދުމަށްޓަކައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިސްނަގައިގެން ހަމަޖެއްސި އިންތިޒާމެކެވެ. މިކަން ކުރިއަށް ގެންދަނީ ރާއްޖޭގެ ޙައްޖުވެރިންނަށް ޚިދުމަތް ފޯރުކޮށްދޭ ސައުދީ އެޖެންޓު ނުވަތަ މުޠައްވިފް ކަމުގައިވާ "ރަވާފް މިނާ" މެދުވެރިކޮށެވެ. މި މަސައްކަތް އިފްތިތާޙު ކުރުމަށާއި، ނުސުކް ކާޑު ބެހުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ރަވާފް މިނާގެ ވައިސް ޕްރެސިޑެންޓް އިހްސާން ކަތިބު މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ނުސުކް ނިޒާމަކީ ޤަވާއިދާ ޚިލާފަށް މައްކާއަށް އެތެރެވެ ޙައްޖުގެ އަޅުކަން އަދާކުރާ މީހުން މަދުކޮށް، ވަކި އިންތިޒާމެއްގެ ދަށުން ޙައްޖުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސައުދީ ސަރުކާރުން ތައާރަފްކޮށްފައިވާ ޚާއްޞަ ޕްލެޓްފޯމެކެވެ. މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ސައުދީއަށް އެތެރެވާ އެންމެހާ ޙާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.
ނުސުކް ކާޑަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙައްޖާޖީންނަށް ދޫކުރާ ރަސްމީ ފާހެވެ. މި ކާޑަކީ ޕްރިންޓުކޮށްފައި އޮންނަ ކާޑަކަށްވާއިރު، ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާއިރު މި ކާޑު ޙާޖީންގެ އަތުގައި އޮތުމަކީ މަޖުބޫރު ކަމެކެވެ. ސައުދީގެ ޙައްޖާބެހޭ ވުޒާރާއިން އަންގާފައިވާ ގޮތުގައި، ޙައްޖުގެ ހުރިހާ ވަގުތެއްގައިވެސް ޙާޖީންގެ އަތުގައި މި ފާސް އޮންނަންވާނެއެވެ.
ޙައްޖާ ގުޅުންހުރި އެކި ޚިދުމަތްތައް ހޯދުމަށާއި، މަނާސިކުތައް އަދާކުރާ ސަރަޙައްދުތަކަށް ވަދެ ނުކުމެ ހެދުމުގައި މި ކާޑަކީ އެންމެ މުހިންމު ވަސީލަތެވެ. އެހެންކަމުން، ދިވެހި އެއްވެސް ޙާއްޖީއަކަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ގެއްލުނަ ނުދިނުމަށްޓަކައި، ހުރިހާ ވަގުތެއްގައިވެސް ނުސުކް ކާޑު އަޅައިގެން އުޅުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ފަސޭހަ އިންތިޒާމާއެކު، ދިވެހި ޙައްޖުވެރިންނަށް ސައުދީއަށް ދިއުމުގެ ކުރިން އެމީހުންގެ ރަސްމީ ހުއްދަ ކަށަވަރުވެ، ޙައްޖުގެ އަޅުކަމުގެ ތެރެއިން ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.