ރިޕޯޓް
"ބޮޑު ބަދަލު": ހަގީގަތް އޮޅުވާލުމުގެ ނިވަލުގައި ހިންގާ ސިޔާސީ ކުޅިގަނޑެއް
ފަރުދުން އިމޭޖަސް
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން މިއަދު ފެންނަމުންދަނީ ހަގީގަތް އޮޅުވާލުމާއި، ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ހިންގާ ނުރައްކާތެރި ކުޅިގަނޑެކެވެ. "ބޮޑު ބަދަލު" ގެ ނަމުގައި އަޑުއުފުލަމުންދާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާ އެއްވެސް ގުޅުމެއް ނެތް، ހަމައެކަނި އޮޅުވާލުންތަކެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެކެވެ. މިއަދު ގައުމުގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ރައީސް އޮފީހުން ދެ ނޫސްވެރިޔަކު ޖަލަށް ލައިފި ކަމަށް ބުނާ ވާހަކައެވެ. ނަމަވެސް މިއީ ދުވާލުގެ އިރު ފަދައިން ސާފުވާން އޮތް ބޮޑު ދޮގެކެވެ.
ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑު އޮތްގޮތުން، ރައީސް އޮފީހަކީ ހުކުމް ކުރާ ތަނެއް ނޫނެވެ. އަދި އެއީ ހުކުމް ތަންފީޒުކުރާ މުއައްސަސާއެއް ވެސް ނޫނެވެ. މިއީ ރާއްޖޭގެ ކުދި ބޮޑު އެންމެންނަށް އެނގޭނެ ހަގީގަތެކެވެ. އެހެންކަމުން، ރައީސް އޮފީހުން ނޫސްވެރިން ޖަލަށް ލި ކަމަށް ބުނުމަކީ ގާނޫނީ ނިޒާމަށް ނުފަރިތަ، ނުވަތަ ގަސްދުގައި ރައްޔިތުންނަށް އޮޅުވާލަން ކުރާ މަސައްކަތެކެވެ.
މި މައްސަލައިގެ އަސްލަށް ބަލާއިރު، އެ ދުވަހު ނޫސްވެރިޔާ ރައީސް އޮފީހަށް ގޮސް ދައްކަން ފެށި ވާހަކައަކީ އެ ވާހަކަ ނުދެއްކުމަށް ކޯޓުން އަމުރެއް ނެރެފައިވާ މައުޟޫއެކެވެ. އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވެފައި، އެ ވާހަކަ ދެއްކުމުން މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުންނެވެ. ކޯޓަކުން އެފަދަ އަމުރެއް ނެރެފައި ވަނިކޮށް، ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެކަމާ ބެހޭގޮތުން ވާހަކައެއް ނުދެއްކޭނެއެވެ. ސަބަބަކީ ރައީސަކީ ވެސް ގައުމުގެ ދިދައިގެ ހިޔަލުގައި ހުރި، ގައުމުގެ ގާނޫނުތަކަށް ބޯލަނބަން ޖެހޭ ފަރާތަކަށް ވާތީއެވެ. ރައީސް އޮފީހަކީ ގާނޫނާ ހިލާފު އަމަލުތައް ހިންގާނެ ތަނެއް ނޫނެވެ. ކޯޓު އަމުރަކާ ހިލާފުވުމަށް އެއްވެސް ފަރާތަކަށް ރައީސް އޮފީހުގެ ތެރެއިން ފުރުސަތު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ވެސް ކުށްވެރިވާނެ ކަމެކެވެ.
މި ހާދިސާގައި ކަން ހިނގި ގޮތަކީ، ރައީސް އޮފީހުގައި ކޯޓު އަމުރާ ހިލާފުވުމުން އެ މައްސަލަ ކޯޓަށް ހުށަހެޅުމެވެ. އަދި ކޯޓަށް ދިއުމަށްފަހު، އެތަނުގައި ވެސް ކޯޓުގެ ހުރުމަތް ކަނޑާލުމުން، ގާޒީ އެކަމަށް ހުކުމެއް ކުރެއްވީއެވެ. މިއީ ރާއްޖޭގައި އަލަށް ވީ ކަމެއް ނޫނެވެ. މީގެ ކުރިން ވެސް ކޯޓުގެ ހުރުމަތް ކަނޑާލާ ކޮންމެ މީހަކަށް، ވަގުތުން ވަގުތަށް ހުކުމް ކުރުމުގެ ބާރު ގާޒީންނަށް ލިބިދީފައިވެއެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރު، ދިވެހިރާއްޖޭގައި ނޫސްވެރިން އެންމެ ބޮޑަށް ނިކަމެތިވެ، އަޅުންގެ އުސޫލުން ގެންގުޅުނީ ކުރީގެ ރައީސް ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ. ހާއްސަކޮށް ނަޝީދުގެ ވެރިކަމުގައި އެތައް ނޫސްވެރިންނެއްގެ ފުރާނައަށް ނުރައްކާވެ، ބިރުވެރިކަމުގެ ތެރޭގައި މަސައްކަތް ކުރަން ޖެހުނެވެ. މިއަދު އެ ބޭފުޅުން ޑިމޮކްރަސީއާއި މިނިވަންކަމުގެ ލަވަ ކިޔާއިރު، އެ ބެރާއި ލަވަޔާ ދިމާނުވަނީ އެހެންވެއެވެ.
ނަޝީދަކީ ގައުމު ސުލްހަވެރިކަމާއެކު އޮންނަ މަންޒަރު ބައްލަވަން ފަސޭހަފުޅު ބޭފުޅެއް ނޫނެވެ. ގައުމުން ފިއްލަވައިގެން އިނގިރޭސިވިލާތުގައި ގިނަ ދުވަސްތަކަކު އުޅުއްވުމަށްފަހު، ރާއްޖެ ވަޑައިގެން އެމަނިކުފާނު މަސައްކަތް ކުރެއްވީ ރާއްޖޭގައި އަނެއްކާވެސް ފިތުނަ ފަސާދަ އުފެއްދެވުމަށެވެ. މިއަދު ވެސް ރާއްޖެއަށްވުރެ ބޮޑަށް އެމަނިކުފާނު އިސްކުރައްވަނީ ބޭރު ގައުމުތަކުން ލިބޭ ވަޒީފާއެވެ. އެހެންކަމުން، މިފަދަ ފަރާތްތަކުން ފަތުރާ ދޮގު ވާހަކަތަކަށް ހެއްލި، ގައުމުގެ ހަމަޖެހުން ނަގާލުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. "ބޮޑު ބަދަލު" ގެ ނަމުގައި މި ހިންގަނީ ހަމައެކަނި ސިޔާސީ އޮޅުވާލުމެކެވެ.
މި ހުރިހާ ކަމަކަށް ފުންކޮށް ވިސްނާލާއިރު ސާފުވާ ހަގީގަތަކީ، މިއީ ރައްޔިތުން ބޭނުންކޮށްގެން ކުޅޭ ވަރަށް ނުރައްކާތެރި ސިޔާސީ ކުޅިގަނޑެއް ކަމެވެ. މި ކުޅިގަނޑު ނިމި، މާދަމާވެސް ރައީސް ކަމުގެ ގޮނޑި ލިބުމާއެކު، އެ ރައްޔިތުންނެއް އެ ބޭފުޅުންނަކަށް ނުފެންނާނެއެވެ. އޭރުން ދެން ފެންނާނީ އެ ބޭފުޅުންގެ އަރިހުގައި އުޅޭ މީހުންގެ ޖީބުތައް ބަރުކުރަން ފަށާ ތަނެވެ. ނިކަމެތި ރައްޔިތު މީހާއަށް ވާނެ އެއްވެސް ފައިދާއެއް، ލިބޭނެ މަންފާއެއް ނޯންނާނެއެވެ. ރައްޔިތުންނަކީ ހަމައެކަނި ވެރިކަމުގެ ހަރުފަތަކަށް ވާސިލުވުމަށް ބޭނުންކުރާ ސިޑިއަކަށް ހެދުމަކީ މި ދެންނެވި "ބޮޑު ބަދަލު" ގެ އަސްލު މަގުސަދެވެ. އެހެންކަމުން، މިފަދަ ފަރާތްތަކުން ފަތުރާ ދޮގު ވާހަކަތަކަށް ހެއްލި، ގައުމުގެ ހަމަޖެހުން ނަގާލުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.
ރައްޔިތުންނޭ ރައްކާވެ ތިބޭށެވެ. ވިސްނާ ބަޔަކަށްމީ އިބުރަތެކެވެ.