Ads by Farudhun

ޚަބަރު

"ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ހަރަކާތެއް ބާއްވަނީ

"ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ހަރަކާތެއް ބާއްވަނީ

"ކޯ.ލެބް 26"/ފޮޓޯ: ދާޚިލީ ވުޒާރާ

15 މޭ 2026، 03:17

މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިމް ގުޅިގެން، "ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އާރޓިފިޝަލް އިންޓެލިޖަންސް އަދި ޑޭޓާގެ ޤާބިލިއްޔަތު އިތުރުކުރުމަށް ކުރިއަށްގެންދާ މި ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ހޮޓެލް ޖެންގައެވެ.

މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން، އަދި ނެޝަނަލް އޭއި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރއެއް ޤާއިމުކުރުމަށް މައިންޑްކޯ އަދި ބީ.އެމް.އެލް އިން 04 އޭޕްރީލް 202 ގައި ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ހިންގާ ޤައުމީ ހަރަކާތެކެވެ. ހަތަރު ދުވަހުގެ މުއްދަތަކަށް ބާއްވާ މި ހަރަކާތް މައިގަނޑު  ދެ ބަޔަކަށް ބެހިގެންވާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އެގޮތުން، ފުރަތަމަ ދެ ދުވަސް ޚާއްޞަކުރެވިފައި ވަނީ ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމާއެކު އެފިޝެންސީ އަދި އުފެއްދުންތެރިކަން އިތުރުކުރުމަށް އޭ.އަިއި ބޭނުންކުރެވިދާނެ "ޔޫސް-ކޭސް" ދެނެގަތުމަށް ބޭއްވޭ ސްޕްރިންޓް ސެޝަންއެއްގެ ގޮތުގައެވެ. އަދި ހަރަކާތުގެ ފަހު ދެ ދުވަހު ކުރިއަށްދާނީ ޢަމަލީ ނަތީޖާއަށް އަމާޒުކޮށްގެން ބާއްވާ "ކޯ.ލެބް 26 ހެކަތަން"އެވެ. ހެކަތަންގެ މަސައްކަތްތައްވެސް ބަހާލެވިފައިވަނީ އޭ.އައި ބޭނުންކޮށްގެން ދެ ދާއިރާއަކުން އީޖާދީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

މިގޮތުން ފުރަތަމަ ދާއިރާ ޚާއްޞަކުރެވިފައިވަނީ ކޯލެބް އިވެންޓްގެ ފުރަތަމަ ދެ ދުވަހު ސަރުކާރުގެ އިދާރާތަކުން އިސްފަސްކުރާ އޭ.އަައި ޔޫސްކޭސްތަކަށް ދާއިރާގެ ފަންނީ ހުނަރުވެރިންނާއި، ތަޖުރިބާކާރުންނާއި، ޑިވެލޮޕަރުންނާއި، ހެކަތަންގެ ބައިވެރިން ގުޅިގެން އިޖާދީ ހައްލު ހޯދުމަށެވެ. އަދި ދެވަނަ ދާއިރާ ޚާއްޞަކުރެވިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ސްވައިޕް އޭ.ޕީއައި ބޭނުންކޮށްގެން ފިންޓެކް ނުވަތަ މާލީ ދާއިރާއަށް އައު އީޖާދުތައް ތަޢާރަފުކުރުމަށް ނުވަތަ ހައްލުތައް ހޯދުމަށެވެ.

އޭ.އައި އެންޑް ޑޭޓާ ސެންޓަރުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ އެކި އިދާރާތަކުގައި ގުޅިގެން އެއްފުރާޅެއްގެ ދަށުން، ޒިންމާދާރުކަމާއެކު އޭ.އައި ފަދަ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އާންމު ޚިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން ޤައުމުގައި ބިނާކުރުމެވެ. އަދި ޢަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ފަދަ އޭ.އައި ނިޒާމުތަކާއި އިޖާދީ ހައްލުތައް ދައުލަތުގެ ތެރޭގައި ބޭނުންކުރުމާއެކު ރާއްޖޭގެ ފިންޓެކް އިކޯސިސްޓަމަށް ގެނެވޭ އިޖާދީ ހައްލުތަކާއެކު ރައްޔިތުންނާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މަގުފަހިކޮށްދިނުމެވެ.

"ކޯ.ލެބް 26"އަކީ ރާއްޖޭގެ ޑިޖިޓަލް އިންޤިލާބުގައި ކޮންމެ ރައްޔިތެއްގެ ބައިވެރިވުން ހިމެނޭކަން ކަށަވަރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450